ލިޔުނީ: އަހްމަދު ދާވޫދު
އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓަރ ސިޓީ އިން ގެއްލުވާލައިފި އެވެ.
ސިޓީ އަށް މި ފުރުސަތު ގެއްލުނީ ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ގޯލް ހުޅުވައިދިނީ މެޗްގެ 18 ވަނަ މިނެޓްގައި ސިޓީގެ ހުނަރުވެރި މިޑްފީލްޑަރ ޑޭވިޑް ސިލްވާ އެވެ. އާސެނަލް އަށް މެޗްގެ ނަތީޖާ އެއްވަރު ކޮށްދިނީ މެޗްގެ 53 ވަނަ މިނެޓްގައި ލޫކަސް ޕޮޑޮލްސްކީ ނަގައިދިން ހުރަހަކުން މެތިއު ފުލެމިނީ އެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި 69 ޕޮއިންޓާއެކު މިވަގުތު އޮތް ޗެލްސީ ވަނީ ރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެފަ އެވެ. އަދި ރޭ ޕްރިމިއާ ލީގުގެ ތާރީހްގައި ހަތަރުވަނަ އަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް ރޭ އެރި ވޭން ރޫނީގެ 2 ލަނޑާއެކު މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ 4-1 ގެ ނަތީޖާ އަކުން އެސްޓަން ވިލާގެ މައްޗަށް ކުރި ހޯދާފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލް ޖަހައިދިނީ ހާރނެންޑެޒް އަދި މާޓާ އެވެ.
ޕްރިމިއާ ލީގުގައި ދެން ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު ސައުތެމްޕްޓަން އިން ވަނީ 4-0 އިން ނިއުކާސަލް ބަލިކޮށްފަ އެވެ. އަދި ސްޓޯކް ސިޓީ 1-0 އިން ހަލްސިޓީ އަތުން މޮޅުވިއިރު ސްވެންސީ ވަނީ 3-0 އިން ނޯވިޗް ބަލިކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ރާއްޖެ ގަޑިން 2000 ގައި ލިވަޕޫލް ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. އަދި ފުލަމް އާއި އެވަޓަން މެޗްގެ އިތުރުން ދެން ކުޅެވޭނީ ސަންޑަލޭންޑާއި ވެސްޓް ހޭމް ޔުނައިޓެޑްވެސް ކުޅޭނެއެވެ.
ރޭ ސްޕެއިންގެ ލަ ލީގާގައި ތާވަލްގެ އެއްވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑް ވަނީ އެތްލެޓިކް ބިލްބާއޯ ގެ މައްޗަށް 2-1 އިން މޮޅުވެފައެވެ. އަދި ރެއާލް މެޑްރިޑުން ވަނީ 5-0 ގެ ނަތީޖާ އަކުން ރަޔޯ ވަލެކާނޯގެ މައްޗަށް ކުރި ހޯދާފައެވެ. މީގެ އިތުރުން ލައޮނެލް މެސީ ޕެނަލްޓީ އަކުން ޖަހައިދިން ހަމައެކަނި ލަނޑާއެކު އެސްޕެންޔޯލްގެ މައްޗަށް ބާސެލޯނާ އިން ވަނީ ކުރި ހޯދާފަ އެވެ.