ލިޔުނީ: އަހްމަދު ދާވޫދު
އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށް ލިވަޕޫލް އިން ޖެހިލައިފި އެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑްގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މި މެޗް ލިވަޕޫލް އިން ކާމިޔާބު ކުރީ 4-0 ގެ ބޮޑު ނަތީޖާ އަކުންނެވެ. މިއީ ލީގުގައި ލިވަޕޫލް އިން ޖެހިޖެހިގެން މޮޅުވި 8 ވަނަ މެޗެވެ.
މެޗްގެ ބޮޑުބައެއް ލިވަޕޫލް އިން ކޮންޓްރޯލް ކުރި މި މެޗްގައި ލިވަޕޫލް ގެ ފުރަތަމަ ލަނޑަކީ މެޗްގެ ދެވަނަ މިނެޓްގައި ގްލެން ޖޯންސަން ނަގާދިން ހުރަހެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ޔޫނިސް ކަބޫލްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ސުއަރޭޒް ވަނީ މެޗްގެ 26 ވަނަ މިނެޓްގައި ލިވަޕޫލްގެ ލީޑު ފުޅާ ކޮށްދީފަ އެވެ. މިއީ މި ސީޒަނުގައި ސުއަރޭޒް ޖެހި 29 ވަނަ ލަނޑެވެ. ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއާ އެއްވަރު ކުރުމަށް ސުއަރޭޒް އަށް ބޭނުންވަނީ އެންމެ ދެ ގޯލެވެ. މި ރިކޯޑް މިހާރު އޮންނަނީ ކުރިސްޓިއާނޯ ރޮނާލްޑޯ އަދި އެލަން ޝިއަރަރ ގެ އަތުގައެވެ. އެއީ 31 ލަނޑު ޖަހައިގެންނެވެ.
ލިވަޕޫލްގެ 3 ވަނަ ލަނޑަކީ މެޗްގެ 55 ވަނަ މިނެޓްގައި ލިވަޕޫލްގެ 21 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރ ޕިލިޕޭ ކޯޓީނިއޯ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އަދި އޭގެ 20 މިނެޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން ޖޯޑަން ހެންޑަސަން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ފުޅާކޮށްފަ އެވެ.
ރޭ ރަށުން ބޭރުގައި އެވަޓަން ތާވަލުގެ އެންމެ ފުލުގައި އޮތް ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗް ވަނީ 1-3 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ. މިއީ އެވަޓަން ޖެހިޖެހިގެން މޮޅުވި 5 ވަނަ މެޗެވެ. އެވަޓަން މިހާރު އޮތީ 60 ޕޮއިންޓާ އެކު ތާވަލުގެ 5 ވަނައިގައެވެ.
މާދަމާ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް 2 މެޗް ކުޅެވޭނެ އެވެ. ފުރަތަމަ މެޗްގައި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ކުޅޭއިރު ދެވަނަ މެޗްގައި ބައްދަލު ކުރާނީ މެންޗެސްޓަރ ޔުނައިޓެޑް އަދި ބަޔާން މިއުނިކެވެ. މި ދެ މެޗްވެސް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 2345 ގައެވެ.
[yass cats=56]