twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޕީއެސްޖީ އަދި ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

Apr 3, 2014

ލިޔުނީ: އަޙްމަދު ދާވޫދު

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގު ފްރާންސްގެ ޕީއެސްޖީ އަދި ސްޕެއިންގެ ރެއާލް މެޑްރިޑް އިން ކާމިޔާބު ކޮށްފިއެވެ.

ރޭ ޕީއެސްޖީގެ ދަނޑުގައި 2012 ވަނަ އަހަރުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ޕީއެސްޖީ އިން ކުރި ހޯދީ 3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޕީއެސްޖީ ގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ 4 ވަނަ މިނެޓްގައި އެޒީކުއެލް ލަވޭޒީ އެވެ. ނަމަވެސް މެޗްގެ 27 ވަނަ މިނެޓްގައި ޕީއެސްޖީ ގެ ކެޕްޓަން ތިއާގޯ ސިލްވާ ޗެލްސީގެ އޮސްކާ އަށް ކުރި ފައުލް އަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް ދެޓީމުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޗެލްސީގެ ހުނަރުވެރި ވިންގާ އެޑެން ހަޒާޑެވެ.

ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވެ ލިބުނު ހިލޭ ޖެހުމަކުން ޕީއެސްޖީގެ މާކޯ ވެރާޓީ ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ޑޭވިޑް ލުއިޒްގެ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެ ނަތީޖާ 2-1 އަށް ބަދަލުވެފަ އެވެ. އަދި މެޗުގެ 93 ވަނަ މިނެޓްގައި ޕީއެސްޖީގެ ހާވިއަރ ޕަސްޓޯރޭ ވަނީ 4 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އިތުރު ގޯލެއް ކާމިޔާބުކޮށް ސެމީ ފައިނަލްގެ އުއްމީދު ބޮޑު ކޮށްފައެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްސްގެ ދެވަނަ މެޗްގައި ރިއާލް މެޑްރިޑް ވަނީ ޑޯޓްމަންޑް 3-0 އިން ބަލިކޮށްފައެވެ. މި ސީޒަނުގައި 100 މިލިއަން ޔޫރޯއަށް ރެއާލް އަށް ބަދަލުވި ގެރެތު ބޭލްވަނީ 3 ވަނަ މިނެޓްގައި ރެއާލް މެޑްރިޑަށް ލީޑު ނަގާދީފަ އެވެ. އަދި ހަމަ މި ސީޒަނުގައި ރެއާލް އަށް ބަދަލުވި އިސްކޯ ވަނީ މެޗްގެ 27 ވަނަ މިނެޓްގައި ލީޑު ފުޅާ ކޮށްދީފަ އެވެ. އަދި ރޭ އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އާއި ހަމަކުރި ރޮނާލްޑޯ ވަނީ 57 ވަނަ މިނެޓްގައި އިތުރު ގޯލެއް ކާމިޔާބު ކޮށްދީފަ އެވެ. އެއީ އެއް ސީޒަނެއްގައި 14 ގޯލު ޖަހައިގެންނެވެ. ދެން މި ރިކޯރޑް އޮންނަނީ ލައޮނަލް މެސީ އަދި ހޯސޭ އަލްޓާފިނި އަތުގަ އެވެ.

އަންގާރަ ވަނަ ދުވަހުގެ ރޭ ކުޅުނު ކުއާޓަރ ފައިނަލްސްގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ބަޔާން މިއުނިކު ވަނީ މެންޗެސްޓަރ ޔުނައިޓެޑްއާ 1-1 އިން އެއްވަރު ވެފައެވެ. މި މެޗް ކުޅުނީ މެންޗެސްޓަރ ގެ އޯލްޑް ޓްރެފޯރޑްގަ އެވެ. މި މެޗުގެ 58 މިނެޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މުޅި މެޗުގައިވެސް ޔުނައިޓެޑަށް މޮޅު ކުޅުމެއް ކުޅެދިން ކެޕްޓަން ނިމެންޖާ ވިޑިޗެވެ. ނަމަވެސް އޭގެ 8 މިނެޓް ފަހުން ބަޔާން އަށް ނަތީޖާ ހަމަ ކޮށްދިނީ ބާސްޓިއަން ސްވެންސްޓެއިގަރ އެވެ. އޭނާ އަށް ވަނީ މެޗުގެ އިތުރު ވަގުތުގައި ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ކާރޑެއް ދައްކާފަ އެވެ.

ހަމަ އެރޭ ކުޅުނު ކުއާޓަރ ގެ ދެވަނަ މެޗުގައި ޓްރާންސްފަރ ޤަވާއިދުތަކާއި ހިލާފުވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ޓްރާންސްފަރ ވިންޑޯއަށް ކުޅުންތެރިން ގަތުން މަނާކޮށްފައިވާ ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑާއި ކުޅުނު މެޗުވަނީ 1-1 އިން އެއްވަރު ވެފަ އެވެ. އެތުލެޓިކޯގެ ޑިއޭގޯ 56 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ބޭރުން ބާރު ސޮޓެއް ހަދާ ގޯލެއް ކާމިޔާބު ކޮށްދީފައިވަނިކޮށް ބާސެލީނޯއިން ނަތީޖާ ހަމަކުރީ 71 ވަނަ މިނެޓްގައި ނޭމާ އެވެ.

ކުއާޓަރ ފައިނަލްސް ގެ ދެވަނަ ލެގުގެ މެޗްތައް ކުޅެވޭނީ އޭޕްރީލް 8-9 ގައެވެ. 8 ވަނަ ދުވަހުގެ ރޭ ކުޅެވޭނީ ޗެލްސީ އަދި ޕީއެސްޖީގެ އިތުރުން ޑޯޓުމަންޑް އަދި ރެއާލް މެޑްރިޑެވެ. އަދި 9 ވަނަ ދުވަހުގެ ރޭ ކުޅެވޭނީ ބަޔާން މިއުނިކު އަދި މެންޗެސްޓަރ ޔުނައިޓެޑް ގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އެވެ. ހުރިހާ މެޗެއްވެސް ފެށޭނީ ރާއްޖެ ގަޑިން 23:45 ގައެވެ.

[yass cats=58]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355