twitterviber whatsapp telegramfacebookyoutube instagram
20th April 2024

ލީގުގެ އެންމެ ކުރިޔަށް ޗެލްސީއިން ޖެހިލައިފި

Apr 6, 2014

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށް އަނެއްކާވެސް ޗެލްސީއިން ޖެހިލައިފި އެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި، ތާވަލުގެ 10 ވަނާގައި އޮތް ސްޓޯކް ސިޓީގެ މައްޗަށް ޗެލްސީއިން ކުރި ހޯދީ 3-0 އިންނެވެ. މި މެޗްގެ ފުރަތަމަ ގޯލް ޗެލްސީއަށް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ސްވިޒަލޭންޑްގެ ބަސެލް އިން 11 މިލިއަން ޕައުންޑްގެ ޓްރާންސްފާރ އެއްގައި ޗެލްސީއަށް ބަދަލުވި މިސުރުގެ ހުނަރުވެރި ވިންގާ މުހައްމަދު ސަލާހް އެވެ.

މެޗްގެ 61 ވަނަ މިނެޓްގައި ސަލާހަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ފޮނުވާލީ ފްރޭންކް ލަމްޕާޑެވެ. މި ޕެނަލްޓީ ސްޓޯކްގެ ކީޕަރ ބެގޮވިޗް މަތަކުރި ނަމަވެސް ރިބައުންސްގައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ފްރޭންކް ލަމްޕާޑެވެ. މި މެޗުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ރަސިޔާގެ އަންޒީ އިން 32 މިލިއަން ޕައުންޑަށް، ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީއަށް ބަދަލުވި ބުރެޒިލްގެ ވިލިއަން އެވެ.

ރޭ މެންޗެސްޓަރ ޔުނައިޓެޑް ވަނީ 4-0 އިން ނިއު ކާސަލް ބަލިކޮށްފަ އެވެ. އިންޖަރީގެ ސަބަބުން ވޭން ރޫނީ އަދި ވެން ޕާސީ ނެތި ކުޅުނު މި މެޗްގެ 4 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބު ކޮށްދިނީ ހުއާން މާޓާ އެވެ. އިތުރު ގޯލްތައް ކާމިޔާބު ކޮށްދިނީ ހާނޭންޑޭޒް އަދި އަަދްނާން ޖަނުޒާޖް އެވެ.

ޗެލްސީއަށް ވުރެ ދެ މެޗް މަދުން ކުޅެގެން ތާވަލުގެ 3 ވަނާގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީ ވަނީ 4-1 އިން ސައުތެމްޕްޓަން ބަލިކޮށްފަ އެވެ. މި މެޗްގައި ސިޓީއަށް ގޯލް ހުޅުވައިދިނީ ލިބުނު ޕެނަލްޓީ އަކުން ޔާޔާ ޓޫރޭ އެވެ. މިއީ ލީގުގައި މި ސީޒަނުގައި ޔާޔާ ޓޫރޭ ޖެހި 18 ވަނަ ލަނޑެވެ. އިތުރު ގޯލްތައް ކާމިޔާބު ކޮށްދިނީ އެޑިން ޖެކޯ، ސަމިރު ނާސްރީ އަދި ސްޓީވަން ޖޮވެޓިކެވެ. ސައުތެމްޕްޓަންގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ރިކީ ލަމްބާޓެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ކްރިސްޓަލް ޕެލަސް ވަނީ 3-0 އިން ކާރޑިފް ބަލިކޮށްފަ އެވެ. ފުލަމް 2-1 އިން އެސްޓަން ވިލާގެ މައްޗަށް ކުރި ހޯދިއިރު ސްވެންސީ ވަނީ 1-0 އިން ހަލް ސިޓީ އަތުން ބަލިވެފަ އެވެ. އަދި ވެސްޓް ބްރޮމް ވަނީ 1-0 އިން ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ.

ލީގުގައި މިއަދު 1730 ގައި އެވަޓަން އާއި އާސެނަލް ބައްދަލު ކުރާއިރު 2000 ގައި ކުޅޭނީ ވެސްޓް ހޭމް އާއި ލިވަޕޫލް އެވެ.

ރޭ ސްޕެއިންގެ ލަ ލީގާގައި އެތްލެޓިކޯ މެޑްރިޑް އިން ވަނީ ރައުލް ގާސިޔާ ޖަހައިދިން ހަމައެކަނި ލަނޑާއެކު ވިލަރެއާލް 1-0 އިން ބަލިކޮށް 1996 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ހޯދުމަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓާފަ އެވެ.

ލައޮނެލް މެސީގެ ދެ ގޯލާއެކު 3-1 އިން ރިއަލް ބެޓިސް ގެ މައްޗަށް ބާސެލޯނާ އިން ކުރިހޯދިއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރިއަލް މެޑްރިޑް އިން ރިއަލް ސޮސިއެދާދް ގެ މައްޗަށް ވަނީ 4-0 އިން މޮޅުވެފަ އެވެ.

[yass cats=59]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355