ކޮކާ ކޯލާ ގޯލްޑް ކަޕްގައި ކުޅުދުއްފުށީ ޓީމު ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ އެވެ.
ރޭ ގްރީސް ޓީމާ ދެކޮޅަށް ކުޅުނު މި މެޗުން ކުޅުދުއްފުށީ ޓީމް ބަލިވީ 3-0 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ގްރީސް ޓީމުން 1 ލަނޑު ޖަހާފައި ވާއިރު ފަހު ހާފުގައި ވަނީ 2 ލަނޑު ޖަހާފަ އެވެ.
މި ގްރޫޕްގެ އެއްވަނާގައި ގްރީސް މިހާރު އޮތީ 2 މެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނާގައި ކުޅުދުއްފުށީ ޓީމުން ތަމްސީލް ކުރާ ޖަޕާން އޮތީ 2 މެޗުން 3 ޕޮއިންޓް ހޯދައިގެންނެވެ. އަދި 3 ވަނާގައި ކޮލަމްބިއާ 1 މެޗުން 1 ޕޮއިންޓް ހޯދައިގެން އޮތްއިރު ތާވަލުގެ ފުލުގައި 1 މެޗުން ކުޅެގެން އަދި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އައިވަރީ ކޯސްޓެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކުޅުދުއްފުށީ ޓީމަށް ކޮލަމްބިއާއާ ދެކޮޅަށް ކުޅެން ޖެހޭއިރު ޓީމުގެ ކޯޗު ކުޅުދުއްފުށީ އޮންލައިންއާ ފޯނުން ވާހަކަ ދައްކަވަަމުން ވިދާޅުވީ ޓީމާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށާއި ޓީމު މިހާރު ތައްޔާރު ވަމުންދަނީ ޖެހިގެން އަންނަ މެޗުން މޮޅުވެ ދެވަނަ ބުރަށް ދިއުމަށް ކަމަށެވެ.
ބޭރު ދުނިޔޭގެ ފުޓްބޯޅައިގެ ޚަބަރަކަށް ބަލައިލާއިރު ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން 3-0 ވަނީ ނިއު ކާސަލް ގެ މައްޗަށް ކުރި ހޯދާފަ އެވެ. މި މެޗުގައި އާސެނަލްގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ލޯރަންޓް ކޮސިއެލްނީ، މެސުތު އޮޒިލް އަދި އޮލިވިއަ ޖިރޫޑެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ 23:45ގައި ބަޔާން މިއުނިކު އަދި ރިއަލް މެޑްރިޑް ބައްދަލު ކުރާއިރު މާދަމާ ރޭ ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ޗެލްސީ އަދި އެތުލެޓިކޯ މެޑްރިޑެވެ. މިރޭ ބަޔާންގެ އެލައަންޒް އެރީނާގައި ކުޅެވޭ މެޗަށް ރިއަލް އިން ނުކުންނައިރު އެ ޓީމަށް 1-0 ގެ ލީޑެއް ލިބިފައި އޮތުމަކީ ލިބޭނެ ހިތްހަމަ ޖެހުމެކެވެ.