މެންޗެސްޓަރ ސިޓީއިން އެވަޓަން ބަލިކޮށް އިންގްލިސް ޕްރިމިއާ ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ލީގުގައި ކުރީގައި އޮތް 3 ޓީމަށްވެސް ބާކީ 2 މެޗް އޮތްއިރު ސިޓީގެ މި މެޗަކީ ސިޓީއަށް އެންމެ ވަރުގަދަކަމަށް ބެލެވުނު މެޗެވެ. އެވަޓަންގެ ގުޑިސަން ޕާކްގައި މީގެ ކުރިން ސިޓީއިން 16 ފަހަރު ކުޅެގެން އެންމެ ފަހަރަކު މޮޅުވެފައި އޮވެ ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެވަޓަން އެވެ. މެޗުގެ 11 ވަނަ މިނެޓްގައި އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ އެވަޓަންގެ ޒުވާން މިޑްފީލްޑަރ ރޮސް ބާކްލީ އެވެ.
ގިނަ ވަގުތު އެވަޓަން އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ނަތީޖާ ސިޓީއަށް ހަމަހަމަ ކޮށްދިނީ ސިޓީގެ ހުނަރުވެރި ފޯވާޑް ސާޖިއޯ އެގުއޭރޯ އެވެ. އަދި 43 ވަނަ މިނެޓާއި 48 ވަނަ މިނެޓްގައި އެޑިން ޒެކޯ ވަނީ ދެ ލަނޑު ޖަހާ ލީޑު ހޯދާފަ އެވެ. ޗެލްސީއިން އެވަޓަން އަށް ލޯން ކޮށްފައިވާ 20 އަހަރުގެ ހުނަރުވެރި ފޯވާޑް ލުކާކޫ ލީގުގައި ޖެހި 14 ވަނަ ލަނޑާއެކު އެވަޓަންއިން ވަނީ ނަތީޖާގެ ފަރަޤު ކުޑަ ކޮށްފަ އެވެ. ނަމަވެސް ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތައް ވީ ނާކާމިޔާބެވެ.
ޔޫރަޕާ ލީގުގެ ޖާގައަކަށް ވާދަކުރަމުން އަންނަ ޓޮޓެންހަމްއިން ވެސްޓް ހޭމް އަތުން 2-0 އިން ބަލިވި ނަމަވެސް ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަންނަ ސަންޑަލޭންޑްއިން ޔުނައިޓެޑް 1-0 އިން ބަލިކުރުމަކީ ޓޮޓެންހަމް އަށް ލިބުނު ހިތްހަމަޖެހުމެކެވެ.
ލީގުގައި ދެން ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ހަލްސިޓީ ވަނީ 3-1 އިން އެސްޓަންވިލާ އަތުން ބަލިވެފަ އެވެ. އަދި ނިއު ކާސަލްއިން 3-0 އިން ކާޑިފް ބަލިކޮށް ޖެހިޖެހިގެން 6 ވަނަ ބައްޔެއްވުމުން ވަނީ ސަލާމަތްވެފަ އެވެ. އަދި ސްޓޯކް ސިޓީއިން 4-1 ފުލަމް ބަލިކުރިއިރު ސައުތެމްޕްޓަންއިން ވަނީ ސްވެންސީ ބަލިކޮށްފަ އެވެ.
މިއަދު ކުޅެވޭ މެޗުތަކުގައި 17:30 ގައި އާސެނަލް އަދި ވެސްޓް ބުރޮމް ބައްދަލުކުރާއިރު ޗެލްސީއާއި ނޯވިޗް ކުޅޭ މެޗު ފަށާނީ 20:00 ގަ އެވެ.