twitterviber whatsapp telegramfacebookyoutube instagram
27th April 2024

އައިލަންޑާރސް ކަޕްގައި ކުޅުދުއްފުށީގެ ޓީމެއް

May 7, 2014

އެޗްއޭއެފް އައިލަންޑާރސް ފުޓްސަލް ކަޕްގައި ކުޅުދުއްފުށީ ޓީމެއް ބައިވެރިވެއްޖެ އެވެ.

32 ރަށަކުން 32 ޓީމް ބައިވެރިވެފައިވާއިރު ކުޅުދުއްފުށީ ޓީމް މި މުބާރާތުގައި ބައިވެރިވީ ޓީމް ކުޅުދުއްފުށި ޒިގްޒެގް ނަމުގަ އެވެ. މުބާރާތް ކުރިއަށްދާނީ ވޯލްޑްކަޕް ސްޓައިލަށެވެ.

މި މުބާރާތަކީ ރަށް ތަމްސީލް ކުރުމަށް ބޭނުންވެފައި ތިބި ޒުވާނުންނަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ. މީގެ އިތުރުން ދިވެހި ފުޓްބޯޅައިގެ ދުނިޔޭގައި ރާއްޖެތެރޭ ކުޅުންތެރިންވެސް ރަށުގެ ނަމުގައި ތަމްސީލް ކުރުމަށް ބޭނުންވެފައި ތިބިކަން އެފްއޭއެމްގެ ސަމާލުކަމަށް ގެނެސްދިނުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގައި އެރަށެއްގެ ޓީމުގައި ހިމެނޭނީ އެ ރަށެއްގައި ރަށްވެހިކަމުގެ ރަޖިސްޓްރީ އޮންނަ ފަރާތްތަކަށް އެކަންޏެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ޓީމުގެ ކޯޑިނޭޓަރ އަދި ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ މުހައްމަދު މޫސާ، ސާދާގެ ވިދާޅުވީ މި މުބާރާތުގައި ކުޅުދުއްފުށީ ޓީމުން ބައިވެރިވީ ކުޅުދުއްފުށީގައިވެސް ރަނގަޅު ކުޅުންތެރިންތަކެއް ތިބިކަން ބޮޑެތި ޓީމްތަކުގެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދީ ރަށަށް ރީތި ނަން ހޯދައިދިނުމުގެ މަޤްސަދުގައި ކަމަށެވެ. އަދި ކޮންމެ މެެޗެއްވެސް ސީރިއަސްކޮށް ނަގާނެ ކަމަށާއި، ރަށުގައި ތިބި އެންމެ މޮޅެތި ފުޓްސަލް ކުޅުންތެރިން ތެރެއިން ފަރުހަތު އާއި ކުޑަ އިއްބެ ފަދަ ކުޅުންތެރިން ޓީމަށް ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބައެއް ކުޅުންތެރިންނަށް އޮފީސްތަކުން ރިލީސް ނުލިބުމުން ވަނީ ބައިވެރިނުވެވިފަ އެވެ.

މޭ މަހުގެ 14-30 އަށް ކުރިއަށްދާ މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށްވެސް މުހައްމަދު ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވި އެވެ. މިގޮތުން ކުޅުންތެރިންގެ ޖާޒީ ސްޕޮންސަރ ކޮށްދީފައިވާ ކުއަންޓަމް އަށާއި، އޮފިޝަލުންގެ ޖާޒީ ސްޕޮންސަރ ކޮށްދީފައިވާ ކުޅުދުއްފުށި އޮންލައިންގެ އިތުރުން ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރުކަން ކުރައްވާފައިވާ މުހައްމަދު ފާހިރުގެ ނަން މުހައްމަދު ފާހަގަ ކުރެއްވި އެވެ.

ކުޅުދުއްފުށީ ޓީމުގައި ހިމެނެނީ މުހައްމަދު އަލީ ދިންވަރު (ގޯލްކީޕަރ)، މުހައްމަދު އަލީ ރުއްކުރި، މުހައްމަދު ޒަކަރިއްޔާ ނިއު ވިކްޓްރީ، ހަސަން މުހައްމަދު ނޫވިލް، އަހްމަދު އާސިފް ނޫވިލް، ޒައިދު މުހައްމަދު އާނިރު، އަބްދުﷲ އަބޫބަކުރު، އަލީ އަހުމަދު ރޯޒްމީޑް، ސައުދުﷲ ނައީމް ލެހެރާ އަދި އަހްމަދު ހުސައިން ޕާކެވެ. މެނޭޖަރެއްގެ ގޮތުގައި ބަދުރުއްދީން ހަސަން ހިކިފިނިފެންމާގެ ހަރަކާތްތެރިވާއިރު އިތުރު އޮފިސަލުންގެ ގޮތުގައި ހަރަކާތްތެރިވަނީ އަހްމަދު މުހައްމަދު ޖެނީވާ، އަހްމަދު އާޒިމް ރެޑްކޯސްޓް އަދި އައިމަން މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355