އާލިމް ހުސެއިން
ކުޅުދުއްފުށީ ބާޒާރުން ބިހާއި އަލުވީގެ އަގު ބޮޑުވެފައި ވަނިކޮށް ކުޅުދުއްފުށީ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.
ކުޅުދުއްފުއްޓަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ދެ ކުންފުނި ކަމަށްވާ މިތުރު ކުންފުންޏާއި އާޕޮއިންޓުން ވެސް ފިޔާ ވަނީ ހުސްވެފަ އެވެ. އަދި ފިޔާ ހޯލް ސޭލްކުރާ ބޮޑެތި ފިހާރަތަކުގައި މިއަދު ފިޔާ ގަންނަން ލިބޭކަށް ނެތެވެ.
ފިޔާ ލިބުމުގެ ދަތިތަކާ ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވީ ކުޅުދުއްފުށިން ފިޔާ ހުސްވެފައިވަނީ މާލެއިންވެސް މިވަގުތު ފިޔާ ހުސްވެފައި ވާތީ ކަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފިޔާ އެތެރެކޮށް ނުއަގުގައި ފިޔާ ވިއްކަމުން ދާތީ އެފަރާތަށް ފިޔާ ގެނެސްގެން ވިއްކުމުގައި ދަތިތައް ދިމާވަނީ ކަމަށެވެ.
އާޕޮއިންޓް ކުންފުނީގެ މެނޭޖަރު އަހުމަދު ސައުދު ވިދާޅުވީ މިދުވަސްކޮޅު ފިޔާ ލިބެން ނެތީ މޫސުން ގޯސްވުމުގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ކުދި ބޯޓުތަކަށް ދަތުރުނުކުރެވޭތީ ކަމަށެވެ.
މިހާރު ވެސް ކުޅުދުއްފުށީ ބާޒާރުގައި ކުކުޅު ބިހާއި އަލުވި ލިބުންވަނީ ދަތިވެފަ އެވެ.