ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެފަހު ހަރަކާތް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
ނަރުހުންގެ އިން ޗާޖް ޝީރީނާ އަހުމަދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަރުހުންގެ ދުވަހު ފަށައިގެން މިއަދާ ހަމައަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެންމެ ފަހުގެ ހަރަކާތް މިއަދު ހަވީރު ބާއްވާނެ ކަމަށެވެ. މިއަދު ބާއްވަނީ އާއިލީ ހަވީރެކެވެ.
ހޮސްޕިޓަލުގެ މުވައްޒަފުންގެ އާއިލާތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އާއިލީ ހަވީރުގައި ސިއްހަތާއި ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި ހަވީރު އޮންނާނީ ހޮސްޕިޓަލުގެ ގްރައުންޑް ތެރޭގައި ކަމަށްވެސް އޭނާ މައުލޫމާތު ދެއްވި އެވެ.
މެއި 12 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލުގެ މުވައްޒަފުންވަނީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ޖޮގިންއެއް ބާއްވާފަ އެވެ. އަދި ޖެހިގެން އައި ދުވަހު ނަރުހުންނާއި އެޓެންޑެންޓުންގެ އިތުރުން މަސައްކަތު މީހުންވަނީ ހޮސްޕިޓަލުގެ ވޯޑުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ނަރުހުންގެ އިންޗާޖް ޝީރީނާ ވިދާޅުވީ ހޮސްޕިޓަލުން އެންމެ ގިނައިން ފަރުވާ ހޯދާ މީހުންގެ ތެރެއިން “ރެންޑަމްކޮށް” ހޮވާލައިގެން ނަގާފައިވާ ބައެއް ފަރާތްތަކާއެކު ބައްދަލުވުމެއް ވަނީ ބޭއްވިފަ ކަމަށެވެ. އަދި މިބައްދަލުވުމުގައި އެފަރާތްތަކުގެ ހިޔާލާއި ފީޑްބެކް ހޯދާފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވި އެވެ.
އޭގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 9 ދަރިވަރުންނަށް މިދިޔަ ބުރާސްފަތި ދުވަހު، ފުރާވަރު ކުދިންގެ ސާފުތާހިރުކަމާއި ހެދި ބޮޑުވުމަށް ބޭނުންވާ ރަނގަޅު ކާނާއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވިފައިވާއިރު އިއްޔެ އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ ޕިކްނިކެއް ވެލިގަނޑުގައި ވަނީ ބާއްވާފަ އެވެ.
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހަކީ މެއި މަހުގެ 12 ވަނަ ދުވަހެވެ.