twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި

Jun 3, 2014

“އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ” އަދި “ބަޝީރު ފުޓްބޯލް އެކަޑަމީ” ގުޅިގެން ކުޅުދުއްފުށީގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި އެވެ.

މި ކޯޗިން ކޭމްޕުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އެވެ. ހީނާއަކީ މިފަދަ ގިނަ ކޯޗިން ކޭމްޕުތަކެއް މިހާރުވެސް ކުރިއަށް ގެންދަވާ ބޭފުޅެކެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯޗިން ކޭމްޕްގައި ތިން އުމުރު ފުރައަކުން ގާތްގަނޑަކަށް 100 ވަރަކަށް ކުދިން ބައިވެރިވެ އެވެ.

އެއީ 9 އަހަރުން ދަށުގެ އުމުރުފުރައާއި 13 އަހަރުން ދަށުގެ އުމުރުފުރައިގެ އިތުރުން 15 އަހަރުން ދަށުގެ އުމުރުފުރައަށް ނިސްބަތްވާ ކުދިންނެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު ކުރިއަށްދާ މި ކޯޗިން ކޭމްޕް ހިންގުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

މި ކޯޗިން ކޭމްޕް ހިންގުމުގައި ބީއެފްއޭގެ ފަރާތުން އިސްކޮށް އުޅުއްވާ ބަޝީރު ޔޫސުފް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކުޅުދުއްފުށީގެ ކުރިއަށް އޮތް ފުޓްބޯޅަ ޖީލު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްސަދުގައި ހިންގާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ހަރަކާތްތައް ބީއެފްއޭގެ ފަރާތުން ހިންގާނެކަމަށް ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ މި ކޭމްޕް ހިންގުމަށް ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުންނާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.

ކުޅުދުއްފުށީގައި ފުޓްބޯޅަ ކުރިއެރުވުމަށް އަމިއްލަ ފަރާތްތަކުން މިފަދަ ކޯޗިން ކޭމްޕްތައް މީގެ ކުރިންވެސް ހިންގާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355