ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ޖާމަނީ އަދި ބްރެޒިލުން ހޯދައިފި އެވެ.
ޖަރުމަނުން ސެމީއަށް ދަތުރުކުރީ ރޭ ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ 13 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ޖާމަނީ ގެ ޓޮނީ ކްރޫސް ހުރަސްކޮށްދިން ބޯޅަ މެޓް ހުމެލްސް ބޮލުން ޖަހައި ވައްދާލައި 1-0 އިން ކުރިހޯދައިގެންނެވެ. މިއީ ޖާމަނީއިން ވޯލްޑްކަޕްގެ ސެމީއަށް ދަތުރުކުރި 13 ވަނަ ފަހަރަށްވާއިރު މިއީ ވިދިވިދިގެން ސެމީއަށް ދަތުރުކުރި 4 ވަނަ ފަހަރެވެ.
ދެވަނަ ހާފުގައި ފްރާންސުން ޖަމަނީގެ ގޯލް ފޫއަޅުވާލަން މަސައްކަތްކުރި ނަމަވެސް ހުރަހަކަށްވީ ޖާމަނީގެ ޑިފެންސް ލައިން އަދި ގޯލް ކީޕަރ ނޯޔާ އެވެ. ނޯޔާވަނީ ކުއާޓަރ ފައިނަލުގައި އަލްޖީރިއާގެ މައްޗަށް ކުރިހޯދުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިހާފުގައިވެސް އެންމެ ރަނގަޅު ޗާންސެއް ލިބުނީ ޖާމަނީގެ ތޯމަސް މުލާ އަށެވެ. ނަމަވެސް އެ ޗާންސް އޭނާވަނީ ބޭކާރު ކޮށްލާފަ އެވެ.
ރޭ ކުޅުނު ދެވަނަ ކުއާޓަރ ފައިނަލުގައި ބްރެޒިލް އަދި ކޮލްމްބިއާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ބްރެޒިލްއިންނެވެ. މެޗުގެ 7 ވަނަ މިނެޓްގައި ބްރެޒިލްއަށް ގޯލު ހުޅުވާދިނީ ނޭމާ ނަގާދިން ކޯނަރެއް ކަކުލުން ޖަހާ ވައްދާލައި ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ އެވެ. މިއީ 20 އަހަރުގެ ތެރޭ ބްރެޒިލްގެ ކެޕްޓަނަކު ވޯލްޑްކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ. ބްރެޒިލްގެ ދެވަނަ ލަނޑަކީ ލިބުނު މެޗުގެ 68 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ރޭގެ މޭން އޮފް ދަ މެޗްގެ މަޤާމު ހޯދި ޑޭވިޑް ލުއިޒް ކާމިޔާބު ކޮށްދިން ވަރަށް ރީތި ލަނޑެކެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން އެންމެ ގިނަ ބަޔެއްގެ ލޯތައް އަމާޒުވެފައިވާ ކޮލްމްބިއާގެ ޖޭމްސް ރޮޑްރިގޭޒްވަނީ މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވަނީ އޭނާ މި ވޯލްޑްކަޕްގައި ކާމިޔާބުކުރި 6 ވަނަ ލަނޑާއެކު ނަތީޖާގެ ފަރަޤު ކުޑަކޮށްފަ އެވެ. އޭނާ ވަނީ މި ވޯލްޑްކަޕްގައި ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖަހާފަ އެވެ. އަދި އޭނާ އަކީ މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހާފައިވާ ކުޅުންތެރިޔާވެސްމެ އެވެ.
މިއީ އެންމެ ފަހުގެ ދެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުންވެސް ކަޓާފައިވާ ބްރެޒިލް އިން ސެމީއަށް ދަތުރުކުރި 11 ވަނަ ފަހަރެވެ. ސެމީގައި 2002 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރަން ޖެހުނު ޖާމަނީއާ ކުޅެން ޖެހޭއިރު އެ ޓީމުގައި އޭރުވެސް ހުރި ކޯޗް ސްކޮލާރީގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށް ވާނީ ސަސްޕެންސަނުގެ ސަބަބުން ކެޕްޓަން ތިއާގޯ ސިލްވާއަށް އަދި އަނިޔާގެ ސަބަބުން ނޭމާ އަށް ނުކުޅެވުމެވެ.
ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް މުޅިންވެސް ގްރޫޕް ސްޓޭޖްގައި އެޓީމެއް ނިސްބަތްވި ގްރޫޕްގެ އެއްވަނަ ހޯދި ޓީމުން ޖާގަ ހޯދިއިރު މިރޭ 2100 ގައި ކުޅެވޭ ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ބެލްޖިއަމް އަދި އާޖެންޓީނާ އެވެ. އަދި ދެވަނަ ކުއާޓަރ ފައިނަލުގައި މިރޭ ދަންވަރު 0100 ގައި ކުޅޭނީ ވޯލްޑްކަޕްގެ ތާރީޚްގައި އަލަށް ކުއާޓަރ އަށް ދަތުރުކުރި ކޮސްޓާ ރިކާ އަދި އެންމެ ފަހުގެ ރަނަރ އަޕް ނެދަލޭންޑްސް އެވެ.