ވޯލްޑްކަޕް ސެމީފައިނަލުގެ ކުރިމަތިލުންތަކުގެ ފަހު ޖާގަތައް އާޖެންޓީނާ އަދި ނެދަލޭންޑްސްއިން ކަށަވަރުކޮށްފި އެވެ.
ރޭގަ ކުޅެވުނު ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް ކޮޅަށް ގޮންޒާލޯ ހިގައިން މެޗުގެ 8 ވަނަ މިނެޓްގައި ޖަހާދިން ހަމައެކަނި ލަނޑުން 24 އަހަރުތެރޭ ފުރަތަމަ ފަހަރަށް އާޖެންޓީނާއިން ވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ. މީގެ އިތުރުންވެސް ހިގައިންއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އާޖެންޓީނާއިން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް 1 ލަނޑުގެ ތަފާތުން މޮޅުވެފައިވާއިރު ގިނަ މެޗުތަކުގައި ތަފާތު ނެރެދީފައިވަނީ މެސީ އެވެ. ރޭގެ މެޗުގައި ބެލްޖިއަމްއިން ވަރަށް ބޮޑަށް މެސީ މާކު ކޮށްގެން ކުޅުނުއިރު މެސީ ރޭގެ މެޗުގައި ކުޅެފައިވަނީ އޭނާ ކުޅޭ ހިސާބަށްވުރެ ތަންކޮޅެއް ފަހަތަށެވެ. ސެމީގައި ނެދަލޭންޑްސްއާ ކުޅެންޖެހޭއިރު އާޖެންޓީނާގެ ކޯޗު ސަބެއްލާއަށް އެންމެ ފޫބައްދަން އުދަނގޫވާނީ ރޭގެ މެޗުގައި އަނިޔާވެގެން ބޭލި ޑި މާރިއާ ޓީމުގައި އަދާކުރަމުން ގެންދާ މުހިއްމު ރޯލެވެ.
ނެދަލޭންޑްސް އިން ވަނީ ރޭ ކޮސްޓާރިކާގެ މައްޗަށް 4-3 އިން ޕެނަލްޓީއިން ކުރިހޯދާ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފަ އެވެ. މިއީ ނެދަލޭންޑްސްއިން ޖެހިޖެހިގެން ސެމީއަށް ދަތުރުކުރި ދެވަނަ ފަހަރެވެ. ރޭގެ މެޗުގެ ބޮޑުބައިގައި ނެދަލޭންޑްސް އިން ގޭމް ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދި ނަމަވެސް އެޓީމަށް ވަނީ ފުރިހަމަ ވަގުތު ހަމަވެ މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައިވެސް ކޮސްޓާރިކާގެ ގޯލު ފޫއަޅުވާ ނުލެވިފަ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުމުން ނެދަލޭންޑްސްގެ ކޯޗް ލުއިސް ވޭން ގާލް ވަނީ އެޓީމުގެ ކީޕަރު ބަދަލުކޮށް ދެވަނަ ކީޕަރ ޓިމް ކުރުލް އަރުވާފަ އެވެ. އޭނާ ވަނީ ކޮސްޓާރިކާގެ 5 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ މަތަކޮށް އެޓީމު ސެމީއަށް ގެންގޮސްދީފަ އެވެ.
ސެމީގެ ޖާގަތައް ސައުތު އެމެރިކާގެ ގަދަ ދެ ބާރު އަދި ޔޫރަޕްގެ ދެ ބާރު ހޯދިއިރު ސެމީ ފައިނަލް މެޗުތަކަކީ ވަރަށް ފޯރިގަދަވާނެ މެޗުތަކެއް ކަމަށް ބެލެވެ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ މެންދަމު ބައްދަލުކުރާނީ ބްރެޒިލް އަދި ޖަރުމަނެވެ. އަދި ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ މެންދަމު ބައްދަލު ކުރާނީ އާޖެންޓީނާ އަދި ނެދަލެންޑްސް އެވެ.