twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބްރެޒިލް ކަޓުވާލުމަށްފަހު ޖަރުމަނުން ފައިނަލަށް ދަތުރުކޮށްފި

Jul 9, 2014

ބްރެޒިލް ރޮއްވާލުމަށްފަހު ޖާމަނީއިން ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ވޯލްޑްކަޕް ތާރީހުގައި ސެމީފައިނަލެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއިން ބްރެޒިލް ބަލިކުރުމަށްފަހު ޖާމަނީއިން ފައިނަލަށް ދަތުރުކުރީ 7-1 ގެ ނަތީޖާއަކުން ބްރެޒިލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިއީ ބްރެޒިލްގެ ފުޓްބޯޅަ ތާރީހުގައި، 1920 ވަނަ އަހަރުގެ ފަހުން 6 ލަނޑުގެ ތަފާތަކުން ބްރެޒިލް ބަލިވި ފުރަތަމަ ފަހަރެވެ. އެ އަހަރު ބްރެޒިލް ވަނީ އުރުގުއޭ އަތުން 6-0 އިން ބަލިވެފަ އެވެ. ވޯލްޑްކަޕް ކުޅެން ފަށާފައިވަނީ 1930 ވަނަ އަހަރު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 11 ވަނަ މިނެޓްގައި، ފާއިތުވެދިޔަ ވޯލްޑްކަޕްގެ ރަންބޫޓް ހޯދި ތޯމަސް މުލާ، ޓޮނީ ކުރޫސް ނަގާދިން ކޯނަރަކުން ޖެހި ލަނޑެކެވެ. މިއީ މުލާ މި ވޯލްޑްކަޕްގައި ޖެހި 5 ވަނަ ލަނޑެވެ. މި ލަނޑާއެކު ބްރެޒިލްއިން އެއްވަރުކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މެޗުގެ 23 ވަނަ މިނެޓުން 29 ވަނަ މިނެޓް ފާހަގަވެގެން ދާނީ ބްރެޒިލްގެ ފުޓްބޯޅަ ތާރީހުގައި ފާހަގަވެގެންދާނެ އެންމެ ކަޅު ވަގުތުކޮޅަށެވެ. ޖާމަނީއިން ވަނީ މި 6 މިނެޓްގައި ބްރެޒިލްގެ ގޯލަށް 4 ލަނޑުޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްލާފަ އެވެ.

ޖާމަނީގެ ދެވަނަ ލަނޑަކީ، 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަދި ރޭގެ އެ ލަނޑާއެކު މިހާރު ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖަހާފައިވާ މިރޯސްލާވް ކުލޯސާ ޖަހާދިން ލަނޑެކެވެ. އޭނާ ވަނީ އޭނާ ކުޅުނު 3 ވޯލްޑްކަޕްގައި ޖުމްލަ 16 ލަނޑު ހަމަކޮށްފަ އެވެ. މީގެ ކުރިން މި ރިކޯޑް އޮންނަނީ 15 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯ އަތުގަ އެވެ. ރޭގެ މެޗުގެ 3 ވަނަ އަދި 4 ވަނަ ލަނޑަކީ ފުރަތަމަ ދެ ލަނޑު ޖެހުމަށް އެހީވެދިން ޓޮނީ ކުރޫސް ޖަހާދިން ދެ ލަނޑެވެ. އަދި މެޗުގެ 5 ވަނަ ލަނޑަކީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެމީ ކެދީރާ ޖަހާދިން ލަނޑެކެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ އަދި ޑިފެންސްގެ މައި ތަނބު ކެޕްޓަން ތިއާގޯ ސިލްވާ ނުލައި ކުޅުނު މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް މާ ރަނގަޅު ކުޅުމެއް ބްރެޒިލްއަށްވަނީ ނުދެއްކިފަ އެވެ. ނަތީޖާއަކަށްވީ މެޗުގެ 58 ވަނަ މިނެޓްގައި ކުލޯސާގެ ބަދަލުގައި ކުޅެން ނުކުތް އެންޑުރޫ ޝާލް އިތުރު ދެ ލަނޑު ޖެހުމެވެ. މިއީ މެޗުގެ 69 ވަނަ މިނެޓްގައި އަދި 79 ވަނަ މިނެޓްގައި ޖަހާދިން 2 ލަނޑެވެ.

ރޭގެ މެޗުގައި ބްރެޒިލް ޓީމުން ޖެހި ހަމަ އެކަނި ލަނޑަކީ މެޗުގެ 90 ވަނަ މިނެޓްގައި އޮސްކާ ޖަހާދިން ލަނޑެކެވެ.

ރޭގެ މެޗުގައި ބްރެޒިލްގެ ސަޕޯޓަރުން ވަނީ ބްރެޒިލް ޓީމުގެ ބައެއް ކުޅުންތެރިންނާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން “ބޫ” ކޮށްފަ އެވެ. އެގޮތުން މި ވޯލްޑްކަޕްގައި ދަށް ކުޅުމެއް ކުޅެފައިވާ ފުރެޑް ފާހަގަ ކޮށްލެވެ އެވެ.

 ވޯލްޑް ކަޕް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ދަންވަރު ކުޅޭނީ ނެދަލޭންޑްސް އަދި އާޖެންޓީނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355