ޑްރިބަލް ކަޕް 5 ގެ ފުރަތަމަ މެޗުތައް މެގިސްޓާ އަދި ވިދެލިއިން ކާމިޔާބުކޮށްފި އެވެ.
ޒޯން ސްޓޭޑިއަމް 1 ގައި ކުރިއަށްދާ މި މުބާރާތުގައި ފުރަތަމަ މެޗު މެގިސްޓާއިން ކާމިޔާބުކުރީ 2-0 އިން ފުރީޑަމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގައި މެގިސްޓާއަށް ލަނޑުތައް ޖަހައިދިނީ ޖާޒީ ނަންބަރު 8 ހުސައިން އަބުދުލް ރަޝީދު (ބިގޭ) އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޖާޒީ ނަންބަރު 12 މުސްތަފާ ހުސައިން (މުސްތޮ) އެވެ. މިމެޗުގެ 15 ވަނަ މިނެޓްގައި މެގިސްޓާ ޓީމުގެ ކެޕްޓަން ހުސައިން އަބުދުލް ރަޝީދަށްވަނީ ރަތް ކާޑެއް ދައްކާފަ އެވެ.
މި މަހުގެ 10 އިން 25 އަށް ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅެވުނު މެޗުގައި ވިދެލި އިން ވަނީ 6-1 އިން އޮގީ ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ޓީމަށް 3 ލަނޑު ޖަހައިދިން ޖާޒީ ނަންބަރު 9 އަހްމަދު ޤާސިމް (ކުމާ) އެވެ. އެ ޓީމަށް ދެން ލަނޑުތައް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 17 މުއާވިޔަތު ހަސަން، ޖާޒީ ނަންބަރު 7 އަބްދުލް ރަޝީދު މުހައްމަދު އަދި ޖާޒީ ނަންބަރު 5 އަލީ ހާޝިމް އެވެ. އޮގީ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 10 އަލީ ސަލީމް އެވެ.
ކޮންމެ ރޯދަ މަހަކުވެސް ޑްރިބަލްއިން ބާއްވަމުން އަންނަ މި ފުޓްބޯޅަ މުބާރާތުގައި މި އަހަރު ޖުމްލަ ހަތް ޓީމު ވާދަކުރެއެވެ. މި އަހަރު މި މުބާރާތް ބާއްވަނީ ސިކްސް އަ ސައިޑް އުސޫލުންނެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީމް ފެހިދޫލަ އަދި ފްރީ ސްޓައިލް އެވެ.
ދެ ގުރޫޕަކަށް ބަހައިގެން 3 ސެމީ ފައިނަލް ކުޅޭ ގޮތަށް ބޭއްވޭ މި މުބާރާތް ހުޅުވާދެއްވީ ހދ އަތޮޅު ކައުންސިލް މެންބަރު އަބްދުލް ލަތީފް ހަސަން އެވެ. ކޮންމެ ރެއަކުވެސް އެއް މެޗު ކުޅެވޭއިރު މެޗު ފަށާ ގަޑިއަކީ ރޭގަނޑު 10:00 އެވެ.