twitterviber whatsapp telegramfacebookyoutube instagram
24th April 2024

“ހިރަފުސް ކަޕް 7” އޯގަސްޓް މަހު ފެށެނީ

Jul 29, 2014

“ހިރަފުސް ކަޕް 7” މި އަންނަ މަހު 4 ގައި ފެށޭނެ އެވެ.

ހިރަފުސްއިން އިންތިޒާމް ކޮށްގެން މި ފެށޭ އޯގަސްޓްމަހުގެ 4 އިން 23 އަށް ކުރިއަށްދާ މި މުބާރާތުގައި މިއަހަރު 6 ޓީމު ވާދަކުރާނެ އެވެ.

ވޭތުވެދިޔަ 2 އަހަރުވެސް އިލަވަން އަ ސައިޑް ފުޓްބޯޅަ މުބާރާތެއް ގޮތަށް މި މުބާރާތް ބާއްވާފައިވާއިރު މި އަހަރުވެސް މި މުބާރާތް ކުރިއަށްދާނީ މި ގޮތަށެވެ. މީގެ ކުރިންވެސް ހިރަފުސްއިންވަނީ ރަމަޟާން މަސް ނިންމުމަށްފަހު ހިރަފުސް ކަޕްގެ ނަމުގައި ފުޓްސަލް އަދި ވަންޑޭ ކަޕްވެސް ބާއްވާފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހިރަފުސް ކަޕްގައި ބައިވެރިވެވޭ އުސޫލެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަމަޟާންމަހު ހިރަފުސް ދަނޑަށް މަދުވެގެން 5 ދުވަހު ކުޅެންދާ ކުޅުންތެރިންގެ މެދުގައި ބައިބަހައިގެންނެވެ. 5 ދުވަހު ކުޅެން ނުދެވިއްޖެނަމަ ދުވާލަކަށް 100 ރުފިޔާގެ މަގުން 500 ރުފިޔާ ދައްކައިގެން ބައިވެރިވެވޭ އުސޫލުވެސް ހިރަފުސްއިން ވަނީ ތަނަވަސް ކޮށްދީފަ އެވެ.

މި މުބާރާތުގެ ގުރުއަތުލުމާއި ބައިބެހުން މި މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިރު ކޮންމެ ޓީމެއްގައިވެސް 16 ކުޅުންތެރިންވަނީ ހިމަނާފަ އެވެ.

ލީގު އުސޫލުން ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ ކުޅޭއިރު ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ 4 ޓީމެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ގުރޫޕްގެ އެއްވަނަ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެވަނަ ހޯދާ ޓީމު އަދި ތިންވަނަ ހޯދާ ޓީމެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމު ތަކަކީ ފެހިދޫލަ، އެފްސީ ޕޮޓެންޒާ، ފޮސްފަރަސް، ޓީމް ފިނިހަކަ، ކަޝިރޯލާ އަދި އެލާޓް އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355