އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ޔުނައިޓެޑުން ހޯދައިފި އެވެ.
ރޭ އެމެރިކާގެ މިއާމީއާގައި 51000 ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ފައިނަލް މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ ލިވަޕޫލާ ދެކޮޅަށް ކުޅެ 3-1 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގެ 15 ވަނަ މިނެޓްގައި ލިވަޕޫލްގެ ރަހީމް ސްޓާލިންގ އަށް ޔުނައިޓެޑްގެ ޑިފެންޑަރ ފިލް ޖޯންސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ލިވަޕޫލްގެ ކެޕްޓަން ޖެރާޑް ކާމިޔާބު ކޮށްދީ ލީޑު ނަގާފައިވެ އެވެ. މިއީ ޕްރީ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ލިބުނު 3 ވަނަ ޕެނަލްޓީ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލް ގޭމް ކޮންޓްރޯލް ކުރި ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން ރޭގެ މެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަދި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވޭން ރޫނީ ވަނީ މެޗުގެ 55 މިނެޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި 3 ވަނަ ލަނޑެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ލީޑު ނަގައިދިނީ މެޗުގެ 57 ވަނަ މިނެޓްގައި މި ސީޒަނުގައި އަލަށް ޔުނައިޓެޑާ ގުޅުނު ލޫކް ޝޯ ދިން ޕާހަކުން ހުއާން މާޓާ އެވެ. އަދި އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 88 ވަނަ މިނެޓްގައި ޖެސް ލިންގާޑެވެ.
ނެދަލޭންޑްސް އަށް ވޯލްޑްކަޕްގެ ތިންވަނަ ހޯދައިދިނުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވި ކޯޗު ލުއިސް ވޭން ހާލްގެ އިރުޝާދުގެ ދަށުން ޕްރީ ސީޒަންގައި ޔުނައިޓެޑުން ކުޅުނު 5 މެޗުންވެސް ވަނީ މޮޅުވެފަ އެވެ.
ޗެމްޕިއަންސް ކަޕްގައި ޔުނައިޓެޑް އަދި ލިވަޕޫލްގެ އިތުރުން ވާދަކުރީ އިންޓަ މިލާން، ރޯމާ، މެންޗެސްޓަރ ސިޓީ، ރިއަލް މެޑްރިޑް، އޮލިމްޕިއާކޯސް އަދި އޭސީ މިލާން އެވެ.
ފާއިތުވެދިޔަ ސީޒަނުގައި ލީގުގެ 7 ވަނާގައި އޮވެ ލީގު ނިންމާލި ޔުނައިޓެޑުން ލީގު ހުޅުވާ މެޗުގައި މި މަހުގެ 16 ވަނަ ދުވަހުގެ 16:45 ގައި ސްވެންސީއާ ދެކޮޅަށް ނުކުންނައިރު މި މަހުގެ 12 ވަނަ ދުވަހު ސްޕެއިންގެ ވެލެންސިޔާއާ ދެކޮޅަށް އަދި އެއް މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.