ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެގެ ނިޔަލަށް ސުންގަނޑި ހަމަވިއިރު ޖުމްލަ 8 ޓީމު ބައިވެރިވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު 6 ވަނަ ދުވަހު ރާއްޖޭގެ ކޮންމެވެސް އެއްކޮޅަކުން ފެށިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަތޮޅު މުބާރާތްތަކުގައި މި އަހަރު ހދ އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ނޮޅިވަރަމް ކުލަބު ތިލަދުންމަތި، ނޮޅިވަރަމް ކުލަބު ހުވާސް، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، ކުރިނބީ ކުރިމަގު ޖަމިއްޔާ، ނޭކުރެންދޫ އެސޯސިއޭޝަން ފޯރ ނޭކުރެންދޫ ޑެވެލޮޕްމެންޓް (އެންޑް)، ވައިކަރަދޫ އިލްހާރު ޖަމިއްޔާ، ހަނިމާދޫ ސާއްބަ އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
ހދ އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ނެއްލައިދޫ އިޖްތިމާއީ ގުޅުމުން މުބާރާތުގައި ބައިވެރިވުމަށްފަހު ނެއްލައިދޫ ކައުންސިލްގެ އެއްބާރުލުން ނުލިބުނު ކަމަށް ބުނެ ނަން އަނބުރާ ވަނީ ގެންގޮސްފަ އެވެ.
ނަމަވެސް 12 ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުރިން ނެއްލައިދޫ ކައުންސިލްގެ ނަމުގައި މުބާރާތުގައި ބައިވެރިވުމަށް އެދި ސިޓީއެއް ލިބިފައިވާ ކަމަށާއި އެ ކަމުގައި ދެން ގޮތެއް ނިންމާނީ އެފް.އޭ.އެމް އިން ކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވެވެނީ ކްލަބެއް ނުވަތަ ޖަމިއްޔާގެ ނަމުގަ އެވެ.
މި އަހަރުގެ އަތޮޅު މުބާރާތުގައި އެ ޖަމިއްޔާއެއް ނިސްބަތްވާ ރަށުގެ ޓީމުގައި ހިމެނޭނީ ހަމައެކަނި އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަދި ސްކޮޑްގައި 21 އަހަރުން ދަށުގެ 5 ކުޅުންތެރިން ހިމަނަން ޖެހެއެވެ.
މި މުބާރާތް އެންމެ ފަހުން 2010 ވަނަ އަހަރު ބާއްވާފައިވާއިރު ކުޅުދުއްފުށީގެ އެއްވެސް ޓީމެއް އެ އަހަރު ބައިވެރިވެފައިނުވާކަން ފާހަގަކޮށްލެވެ އެވެ. އަދި މި އަހަރުގެ މުބާރާތް ބާއްވާނެ ވަކި ރަށެއް ކަނޑައެޅިފައި ނުވާއިރު އެންމެ ފަހުގެ މުބާރާތް ބާއްވާފައިވަނީ ހަނިމާދޫގަ އެވެ.