ސީޒަން ހުޅުވި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވިއިރު، އާސެނަލްއިން ކުރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދައިފި އެވެ.
1972 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ސީޒަން ހުޅުވި މެޗަކުން އަލަށް ޔުނައިޓެޑް ބަލިވީ ސްވެންސީ އަތުން 2-1 އިންނެވެ.
އަލަށް ޓީމާ ހަވާލުވި ކޯޗު ލުއިސް ވޭން ގާލްގެ އިރުޝާދުގެ ދަށުން ޕްރީ ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެފައި އޮތް ނަމަވެސް ރޭގެ މެޗުގައި ޔުނައިޓެޑަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓްގައި ސުންގު ޔޫންގް ކީ ވަނީ ސްވެންސީ އަށް ލީޑު ނަގާދީފަ އެވެ.
ރޭގެ މެޗުގައި މި ސީޒަނުގައި ޔުނައިޓެޑްގެ ކެޕްޓަންކަން ކުރުމަށް ހަމަޖެހިފައިވާ ވޭން ރޫނީ 53 ވަނަ މިނެޓްގައި ވަރަށް ރީތި ގޯލެއް ޖަހާ އެއްވަރުކޮށްދިން ނަމަވެސް 72 ވަނަ މިނެޓްގައި ސިގަޑްސަން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ސްވެންސީއަށް ލީޑު ނަގާދީފަ އެވެ.
އާސެނަލް ލީގުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ކުރިސްޓަލް ޕެލަސްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 35 ވަނަ މިނެޓްގައި ހެންގަލެންޑެވެ. ނަމަވެސް އާސެނަލްގެ ޑިފެންޑަރ ލޯރަންޓް ކޮސިއެލްނީ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްއަށް ލަނޑެއް ކާމިޔާބުކޮށްދީ އެއްވަރު ކޮށްދީފަ އެވެ.
ރޭގެ މެޗުގައި އާސެނަލް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވޭތުވެދިޔަ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދެއްކި އާރޮން ރަމްސީ އެވެ.
ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަލަށް ލީގަށް ޕްރޮމޯޓްވީ ލެސިސްޓަރ ސިޓީ އަދި އެވަޓަން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ސަންޑަލޭންޑާއި ވޭސްޓް ބުރޮމް ކުޅުނު މެޗުވެސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި އެއް ސީޒަނަށްފަހު އަލުން ލީގަށް ޕްރޮމޯޓްވި ކިއުޕީއާރު ވަނީ ހަލްސިޓީ އަތުން 1-0 އިން ބަލިވެފަ އެވެ. މީގެ އިތުރުން ސްޓޯކް ސިޓީ 1-0 އިން އެސްޓަން ވިލާ އަތުން ބަލިވެފައިވާއިރު ޓޮޓެންހަމްއިން ވަނީ 1-0 އިން ވޭސްޓް ހޭމް އަތުން މޮޅުވެފަ އެވެ.
މިރޭ ލީގުގައި ކުޅޭ މެޗުތަކަށް ބަލާއިރު 17:30 ގައި ކުޅޭނީ ލިވަޕޫލް އަދި ސައުތެމްޕްޓަން އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރަށުން ބޭރުގައި ނުކުންނާނީ ނިއު ކާސަލްއާ ދެކޮޅަށެވެ. މި މެޗު ފެށޭނީ ރާއްޖެ ގަޑިން 2000 ގަ އެވެ.