ސްޕެނިސް ސުޕަރ ކަޕްގައި މެޑްރިޑުގެ ދެ ބާރު ކަމުގައިވާ އެތުލެޓިކޯ މެޑުރިޑު އަދި ރިއަލް މެޑްރިޑު ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ރޭ ރިއަލް މެޑްރިޑުގެ ސެންޓިއާގޯ ބާނެބިއުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ރިއަލް މެޑްރިޑުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ފެނިފައިވަނީ މެޗުގެ ފަހު ދިހަ މިނެޓްގަ އެވެ.
ރޮނާލްޑޯއަށް އަނިޔާވުމުގެ ސަބަބުން މެޗުގެ 46 ވަނަ މިނެޓްގައި ކުޅެން ނުކުތް ޖޭމްސް ރޮޑްރިގޭޒް ވަނީ މެޗުގެ 81 ވަނަ މިނެޓްގައި ރިއަލް މެޑްރިޑަށް ލީޑު ނަގާދީފަ އެވެ. މިއީ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު 80 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ރިއަލް މެޑްރިޑަށް ބަދަލުވި ރޮޑްރިގޭޒް އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ވޭތުވެދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުން ރިއަލް މެޑްރިޑްގެ އަތުން 4-1 އިން ބަލިވި އެތުލެޓިކޯ މެޑުރިޑުން ވަނީ އޭގެ 7 މިނެޓް ފަހުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ކޯކޭ ނަގާދިން ކޯނަރަކުން އެތުލެޓިކޯ މެޑުރިޑުގެ ރައުލް ގާސިއާ ކާމިޔާބުކުރި ލަނޑެކެވެ.
ފާއިތުވެ ދިޔަ ސީޒަނުގެ ސްޕެއިން ލީގުގެ ޗެމްޕިއަނުންނާއި ސްޕެނިސް ކަޕްގެ ޗެމްޕިއަނުންގެ ދެމެދުގައި ކުޅެވޭ ސްޕެނިސް ކަޕްގެ ދެވަނަ ލެގު އަންނަ ހުކުރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗަށް ދާއިރު އެތުލެޓިކޯ މެޑުރިޑަށް އަވޭ ގޯލުގެ އެޑްވާންޓޭޖެއް އޮންނާނެ އެވެ.
މި ސީޒަނުގައި ރިއަލް މެޑްރިޑަށް ހަ ޓްރޮފީ ކާމިޔާބުކުރުމުގެ ފުރުސަތު އެބަ އޮތެވެ.