ދެވަނަ ލެގުގައި ރިއަލް މެޑްރިޑް ބަލިކޮށް ސްޕެނިސް ސުޕަރ ކޯޕާ އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.
ރޭ އެތުލެޓިކޯގެ ވިސެންޓޭ ކެލްޑްރޯން ގައި ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 1-0 އިން ރިއަލް މެޑްރިޑް ބަލިކޮށް 2-1 ގެ އެގްރިގޭޓް ސްކޯރ އަކުންނެވެ.
ވޭތުވެދިޔަ ސީޒަނުގައި އަވޭ ގޯލުން ބާސެލޯނާ އަތުން ސުޕަރކޯޕާ ގެއްލިފައިވީ ނަމަވެސް މި އަހަރު ދެވަނަ ލެގަށް އެތުލެޓިކޯއިން ދަތުރުކުރީ ރިއަލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް އަވޭ ގޯލުގެ އެޑްވާންޓޭޖަކާ އެކު އެވެ.
ރޭގެ މެޗުގެ 81 ވަނަ ސުކުންތުގައި މި ސީޒަނުގައި އަލަށް ގުޅުނު ދެ ކުޅުންތެރިން ކަމުގައިވާ އެންޓޮއިން ގުރިޒްމަން އަދި މާރިއޯ މަންޑުޒުކިޗް ގުޅިގެން އުފެއްދި ހަމަލާއެއްގައި މަންޑުޒުކިޗް ވަނީ އެތުލެޓިކޯއަށް ލީޑު ހޯދައިދީފަ އެވެ. މަންޑުޒުކިޗް އޭނާގެ ފުރަތަމަ ލަނޑު އެތުލެޓިކޯއަށް ކާމިޔާބުކޮށްދިންއިރު މިއީ ސުޕަރކޯޕާގެ ތާރީޚްގައި އެންމެ އަވަހަށް ޖެހި ލަނޑެވެ.
ވޭތުވެދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު އެތުލެޓިކޯއާ އަލްވަދާއުކީ ޑިއޭގޯ ކޯސްޓާ ނެތްތަން ފޫބެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއްގެ ގޮތުގައި ބެލިފައިވަނީ މަންޑުޒުކިޗެވެ. މީގެ ކުރިންވެސް އެތުލެޓިކޯއިން ވަނީ މިފަދަ މޮޅެތި ސްޓްރައިކަރުން އުފައްދާފަ އެވެ. އޭގެ ތެރޭގައި ފޭނާންޑޯ ޓޯރޭސް، ސާޖިއޯ އެގުއޭރޯ އަދި ރަޑަމެލް ފަލްކާއޯ ހިމެނެ އެވެ.
ރޭގެ މެޗުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ މެޗުގެ 4 ވަނަ އޮފިސަލަށް ހަމަލާދިން ކަމަށް ނިންމާ އޭނާ ވަނީ ބެންޗުން ފޮނުވާލާފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރިއަލް މެޑްރިޑްގެ ލޫކާ މޮޑްރިޗަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.