ހިރަފުސް ކަޕް 7 ގެ ޗެމްޕިއަންކަން އެލާޓް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އެލާޓްގެ ޒައިދު މުހައްމަދު ހޮވިއްޖެ އެވެ.
މިއަދު ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު ފައިނަލް މެޗު އެލާޓްއިން ކާމިޔާބުކުރީ 2-1 އިން ފެހިދޫލައިގެ މައްޗަށް ކުރިހީދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދާފައިވަނީ އެލާޓްއިންނެވެ. މިއީ ފެހިދޫލައިގެ ގޯލްކީޕަރ އަބްދުލް ހަކީމް ބޯޅައާއެކު ޕެނަލްޓީ އޭރިޔާ ބޭރަށް ނުކުތުމުން ލިބުނު ނުސީދާ ހިލޭ ޖެހުމަކުން އެލާޓްގެ އަލީ ހަސަން (ބޮޑުސައި) ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެން ފެހިދޫލައިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ. މިއީ ފެހިދޫލައިގެ އަހްމަދު އާދަމް (ކުޑަ ބާޑޭ) އަށް މުޅިން ހުހަށް ލިބުނު ބޯޅައެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެގެން ގޮސް ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް އެ ޓީމުން އެއްވަރު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޒައިދު ވަނީ ލަނޑެއް ޖަހާ އަލުން އެލާޓަށް ލީޑު ހޯދައިދީ އެ ޓީމު މޮޅުކޮށްދީފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލާޓްގެ ޒައިދު މުހައްމަދު އެވެ. އަދި ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެހިދޫލައިގެ އަލީ އާދަމް (ބާޑޭ) އެވެ. އަދި ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލާޓްގެ އަލީ އާދަމް (ބާ) އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރ އަކަށް އެލާޓްގެ ސިރާޖް މުހައްމަދު ހޮވިފައިވާއިރު 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލާޓްގެ އަލީ ހަސަން (ބޮޑު ސައި) އެވެ.
މުބާރާތް ނިމުމާއެކު ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ފިލާ އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ހިރަފުހަށް އެކިއެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ދެ ފަރާތް ކަމުގައިވާ ކުޅުދުއްފުށީ ސޭމް ފިހާރައިގެ ވެރިފަރާތް އަބްދުލް ސަލާމް އަބޫބަކުރު އަދި ކުޅުދުއްފުށީ ރޯޝަންހާރު މުހައްމަދު ހަސަން އެވެ،
[yass cats=106]