ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ކުޅުދުއްފުށީ ޓީމުގެ ޕްރެކްޓިސް ފަށައިފި އެވެ.
މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ޕްރެކްޓިސް ފެށިއިރު ޓީމުގައި މިހާތަނަށް ޖުމްލަ 48 ކުޅުންތެރިން ނަންނޯޓްކޮށްފައިވެ އެވެ. ޓީމުގައި ބައިވެރިވުމުގެ ވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާއިރު ޓީމުގެ މެނޭޖްމެންޓުން ވީހާވެސް ގިނަ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވުމަށް ބާރު އަޅައެވެ.
މި މުބާރާތަށް އެކުލަވާލައި ސްކޮޑުގައި 30 ކުޅުންތެރިންނަށް ފުރުސަތު އޮންނައިރު 21 އަހަރުން ދަށުގެ 5 ކުޅުންތެރިން ސްކޮޑުގައި ހިމަނަން ޖެހެއެވެ.
ހަތަރު އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރު މި ކުޅެވޭ އަތޮޅު މުބާރާތުގައި ކުޅުދުއްފުށިން އެއް ޓީމު ނުކުންނައިރު މި ޓީމު ނުކުންނާނީ ކުޅުދުއްފުށީގައި މިހާރު އޮތް އެންމް ހަރަކާތްތެރި ޖަމްއިއްޔާއެއް ކަމުގައިވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ ނަމުގަ އެވެ.
މި އަހަރުގެ ޓީމު ކޯޑިނޭޓް ކުރުމަށް ކުޅުދުއްފުށީގެ ދަނޑުތަކުން ސްޓީރިން ކޮމިޓީއެއް ނެގިއިރު މި ކޮމިޓީގައި ޖުމްލަ 12 މެމްބަރުން ހިމެނެ އެވެ. އަދި ޓީމާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާނީ މި ކޮމިޓީންނެވެ.
މި އަހަރު ކުޅުދުއްފުށިން ބައިވެރިވާ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާނީ ކުޅުދުއްފުށީ މަގުލަސް ކުލަބުން މަޝްހޫރުކަން ހޯދާފައިވާ އަބްދުއް ސައްތާރު އަބޫބަކުރު (ސަޓޯ) އެވެ. އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާނީ މަގުލަސް ކުލަބުގެ ކާމިޔާބީ ތަކުގައި މުހިއްމު ދައުރެއް އަދާކުރި އާދަމް އިލްހާމް އިސްމާއީލް (އިއްލެ) އެވެ.
މި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ޒިގްޒެގްގެ ނައިބު ރައީސް ޔާސިރު އަބްދުއްލަތީފު (ޔާއްޓޭ) ހަރަކާތްތެރިވާއިރު އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ޒިގްޒެގްގެ ފައުންޑަރ މެންބަރ އަހްމަދު މުހައްމަދު (އެނީ) އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އަތޮޅު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގަ އެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. މި އަހަރުގެ ހދ އަތޮޅު މުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެ އެވެ.