twitterviber whatsapp telegramfacebookyoutube instagram
26th April 2024

3 ވަނަ ހަފްތާގެ ޕްރިމިއާ ލީގު އުސްއަލިތައް: ސްވެންސީ އަދި ޗެލްސީ ތާވަލުގެ ކުރީގައި

Sep 1, 2014

އިނގިރޭސި ޕްރިމިއާ ލީގުގެ 3 ވަނަ ގޭމް ވީކް ނިމުނުއިރު ހުރިހާ މެޗަކުން މޮޅުވެގެން ތާވަލުގެ ކުރީގައި އުޅެނީ ޗެލްސީ އަދި ސްވެންސީ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ޗެލްސީ އަދި އެވަޓަން ކުޅުނު މެޗު ނިމިގެން ދިޔައީ 6-3 އިންނެވެ. ކުރިން 2 މެޗުގައިވެސް ޗެލްސީއަށް ގޯލު ހުޅުވައިދިން ޑިއޭގޯ ކޯސްޓާވަނީ މި މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް އަދި އިތުރު 1 ގޯލު ކާމިޔާބުކޮށްފަ އެވެ. މިއީ މިހާތަަނަށް ލީގުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްވެންސީވަނީ ވެސްޓް ބްރޮމް އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ނަތަން ޑަޔާ 2 ލަނޑު ޖަހާފައިވާއިރު އެ ޓީމްގެ ރޫޓްލެޖްވަނީ އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ކުރިން ދެ މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ސިގަޑްސަންވަނީ 2 އެސިސްޓް ހަދާފަ އެވެ.

ފާއިތުވެދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓަރ ސިޓީ ވަނީ ސްޓޯކް ސިޓީ އަތުން 1-0 އިން ބަލިވެފަ އެވެ. މި މެޗުގައި ގިނަވަގުތު ސިޓީއިން ބޯޅަ ހިފެހެއްޓި ނަމަވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ސްޓޯކް ސިޓީއަށް މި ސީޒަނުގައި ބަދަލުވި ބިރާމް ދިއޫފް އެވެ.

ލުއިސް ވޭން ގާލްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ކުޅެން ނުކުތް ޔުނައިޓެޑް މޮޅަކަށް ކުރަމުން އަންނަ އިންތިޒާރު ދިގުވެގެން ދިޔައީ ބާންލީއާ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުންނެވެ. ޑި މާރިއާގެ ޓްރާންސްފާއާ އެކު އިނގިރޭސި ލީގުގައި މިހާތަނަށް ފެނުނު އެންމެ އަގުބޮޑު ޓީމަށް މި ސީޒަނުގައި ކުޅުނު ވާދަވެރި ހަތަރު މެޗުން އަދި މޮޅެއް ހޯދިފަ ނުވާއިރު ކެޕިޓަލް ވަން ކަޕުން ވަނީ ތިންވަނަ ޑިވިސަން ޓީމެއް އަތުން ބަލިވެ ކަޓާފަ އެވެ.

ލިވަޕޫލް ދެވަނަ ހަފްތާގައި ސިޓީއާ ކުޅެ ބަލިވެފައި ވީ ނަމަވެސް ރޭ ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުވަނީ 3-0 އިން ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ރަހީމް ސްޓާލިން ލިވަޕޫލްގެ ގޯލު ހުޅުވާދިންއިރު ސްޓީވަން ޖެރާޑް ވަނީ ޕެނަލްޓީ އަކުން ދެވަނަ ލަނޑު ކާމިޔާބުކޮށް ޖެހިޖެހިގެން 16 ސީޒަނުގައި ލިވަޕޫލްއަށް ލަނޑު ޖަހާ ދިނުމުގެ ޝަރަފު ހޯދާފަ އެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހާފައިވަނީ އަލްބާޓޯ މޮރީނޯ އެވެ.

ލީގުގައި މި ހަފްތާ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އިން ލެސިސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެސްޓަން ވިލާއިން ވަނީ 2-1 އިން ހަލްސިޓީ ބަލިކޮށްފަ ތާވަލުގެ ތިންވަނަ އަށް ޖެހިލާފަ އެވެ.

ނިއު ކާސަލްއާ ކުރިސްޓަލް ޕެލަސް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އަދި ސައުތެމްޕްޓަން އިން ވެސްޓް ހޭމް އާ ކުޅުނު މެޗު ނިމުނީ 3-1 އިން ސައުތެމްޕްޓަން މޮޅުވެގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355