ޑިއޭގޯ ކޯސްޓާގެ ހެޓްރިކާއެކު ޗެލްސީއިން ތާވަލުގެ އެންމެ ކުރީގައި ހިފަހައްޓައިފި އެވެ.
ސީޒަނުގައި ރެއާ ހަމައަށް ހުރިހާ މެޗަކުން މޮޅުވެފައި އޮތް ސްވެންސީ އަދި ޗެލްސީއާ ދެމެދު ކުޅުނު މެޗުގެ 11 ވަނަ މިނެޓްގައި ސްވެންސީއިން ވަނީ ލީޑު ނަގާފަ އެވެ. މިއީ ޖޯން ޓެރީގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ސީޒަނުގައި ޗެލްސީ ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލު ހުޅުވައިދިން ޑިއޭގޯ ކޯސްޓާ ވަނީ 45 ވަނަ މިނެޓްގައި ފެބްރިގާސްގެ ކޯނަރަކުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި 56 ވަނަ މިނެޓްގައި ފެބްރިގާސް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ވަރަށް ރީތި ޕާހަކުން ކޯސްޓާގެ 2 ވަނަ ލަނޑު ޖަހާފައިވާއިރު، އޭނާގެ ހެޓްރިކް ހެދީ 67 ވަނަ މިނެޓްގަ އެވެ. ޑިއޭގޯ ކޯސްޓާ ވަނީ މި ސީޒަނުގައި ޗެލްސީ ކުޅުނު 4 މެޗުން 7 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ޗެލްސީގެ ފަހު ލަނޑަކީ މި ސީޒަނުގައި ޗެލްސީއަށް ބަދަލުވި ލޮއިކް ރެމީ ޖެހި ލަނޑެކެވެ. މި މެޗު 4-2 އިން ނިމުނުއިރު ސްވެންސީގެ ފަހު ލަނޑު ޖަހާފައިވަނީ 86 ވަނަ މިނެޓްގައި ޖޮންޖޯ ޝެލްވީ އެވެ.
މެންޗެސްޓަރ ސިޓީ އަދި އާސެނަލް ކުޅުނު މެޗުގައި ސިޓީގެ އެގުއޭރޯ ލަނޑު ޖަހާ ކުރިހޯދާފައިވަނިކޮށް ޖެކް ވިލްޝެއަރ އަދި އެލްކްސިސް ސަންޗޭޒް ވަނީ ފަހަތުން އަރާ 2-1 އަށް ނަތީޖާ އަނބުރާލައިފަ އެވެ. ނަމަވެސް ސިޓީގެ ޑިފެންޑަރ ޑެމިޗެލިސް ވަނީ މެޗު ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް ލަނޑެއްޖަހާ 2-2 އަށް ނަތީޖާ ބަދަލުކޮށްފަ އެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑްގައި ލިވަޕޫލްގެ މައްޗަށް 1-0 އިން ކުރިހޯދާ އެސްޓަން ވިލާއިން ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. އެސްޓަން ވިލާގެ ހަމައެކަނި ގޯލް ޖަހައިދީފައިވަނީ މެޗުގެ 8 ވަނަ މިނެޓްގައި އެ ޓީމުގެ ކެޕްޓަން ގެބްރިއަލް އަގްބޮންލާހޯރު އެވެ. 4 މެޗުން 10 ޕޮއިންޓާއެކު އެސްޓަން ވިލާ އޮތްއިރު މިއީ 16 އަހަރުގެ ތެރޭގައި އެ ޓީމުގެ ފެށުން އެންމެ ރަނގަޅު ސީޒަނެވެ.
އެވަޓަން އިން 2-0 އިން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދާ މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދިއިރު ސައުތެމްޕްޓަން އިން ވަނީ 4-0 އިން ނިއު ކާސަލް ބަލިކޮށްފަ އެވެ. އަދި ލެސިސްޓަރ ސިޓީއިން ވަނީ 1-0 އިން ސްޓޯކް ބަލިކޮށްފަ އެވެ.
މީގެ އިތުރުން ސަންޑަލޭންޑް އަދި ޓޮޓެންހަމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނިމުނުއިރު ބާންލީ އަދި ކްރިސްޓަލް ޕެލަސްގެ މެޗުވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މިރޭ 2000 ގައި ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓަރ ޔުނައިޓެޑް އަދި ކިއު.ޕީ.އާރު އެވެ.