ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ 8 މެޗު ކުޅެފައިވާއިރު ރޯމާ އާއި ޕޯޓޯ ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.
2010 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގަށް އަލުން ކޮލިފައިވި އޭއެސް ރޯމާ ވަނީ 5-1 އިން ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފަ އެވެ. މި މެޗުގައި ޖާވީނިއޯ ދެ ލަނޑު ޖަހާފައިވާއިރު މެޗުގެ ފުރަތަމަ 30 މިނެޓްގައި ރޯމާއިން ވަނީ 4 ލަނޑު ޖަހާފަ އެވެ. މެނުއެލް އިޓާބޭ އަދި މައިކޮން އިތުރު ގޯލުތައް ކާމިޔާބު ކޮށްދިން އިރު ފަހު ހާފުގެ 50 ވަނަ މިނެޓްގައި ރޯމާއިން ކާމިޔާބުކުރި 5 ވަނަ ލަނޑަކީ ސީއެސްކޭއޭގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ގުރޫޕް އީގެ އަނެއް މެޗުގައި އިނގިރޭސި ޗެމްޕިއަނުންނާއި ޖަރުމަނު ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓަރ ސިޓީ އަދި ބަޔާން މިއުނިކު ކުޅުނު މެޗުގެ 90 ވަނަ މިނެޓްގައި ބަޔާންގެ ޖެރޮމީ ބޯޓެންގް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު 1-0 އިން ވަނީ ބަޔާން މޮޅުވެފަ އެވެ.
ގުރޫޕް އެފްގައި ކުޅުނު މެޗުތަކަށް ބަލާއިރު އަޔެކްސް އަދި ޕީއެސްޖީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ޖެރާޑް ޕީކޭ މެޗުގެ 28 ވަނަ މިނެޓްގައި ޖަހައިދިން ހަމައެކަނި ގޯލުން ބާސެލޯނާވަނީ އެޕޯއެލް ނިކޯސިއާގެ މައްޗަށް 1-0 އިން ކުރިހޯދާފަ އެވެ.
ގުރޫޕް ޖީ ގެ ދެ މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުރަތަމަ މެޗުގައި މަރިބޯ އަދި ސްޕޯޓިން ބައްދަލުކުރިއިރު ދެވަނަ މެޗުގައި ކުޅުނީ ޗެލްސީ އަދި ޝާލްކޭ އެވެ.
ޔާސިން ބުރާހިމީގެ ހެޓްރިކާއެކު ޕޯޓޯވަނީ 6-0 އިން ބާޓޭ ބޮރިސޯވް ބަލިކޮށްފަ އެވެ. އަދި ޝަކްތަރު ޑޮނެޓްސްކް އާއި އެތުލެޓިކް ބިލްބާއޯ ކުޅުނު މެޗު 0-0 އިން އެއްވަރުވެ މި ސީޒަނުގައި ޝަކްތަރު ޑޮނެޓްސްކް އިން ހުރިހާ މެޗަކުން މޮޅުވަމުން އައި ސިލްސިލާވަނީ ނިމުމަކަށް އައިސްފަ އެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖްގެ މެޗު ޑޭ 2 އެއް ކުރިއަށްދާނީ ސެޕްޓެމްބަރު 30 އަދި އޮކްޓޫބަރު 1 ގަ އެވެ.