ކައިރި ކައިރީ ތިން ގޯލު ޖަހާ އާސެނަލް އިން އެސްޓަން ވިލާ ސިއްސުވާލައިފި އެވެ.
ރޭ އެސްޓަން ވިލާގެ ވިލާ ޕާކު ގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ އާސެނަލް އިންނެވެ. ޕްރިމިއާ ލީގުގެ ތާރީޚްގައި އެންމެ ކައިރި ކައިރީ ތިން ލަނޑު ޖެހުމުގެ ރެކޯޑް ހެދި އާސެނަލް އިން ވަނީ 32 ވަނަ މިނެޓާ 36 ވަނަ މިނެޓާ ދެމެދު 3 ގޯލު ޖަހާފަ އެވެ.
މެސުޓް އޯޒިލް އަދި ވެލްބެކް ޖެހި ގޯލުގެ އިތުރުން އިތުރުން ވިލާ ކުޅުންތެރިއެއް ކަމުގައިވާ އަލީ ސިސޯކޯގެ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު އެސްޓަން ވިލާ ކޮޅަށް އާސެނަލް އިން ވަނީ 195 ސިކުންތު ތެރޭ 3 ގޯލު ޖަހާފަ އެވެ. މިއީ މި ސީޒަނުގައި އެސްޓަން ވިލާ ބަލިވި ފުރަތަމަ މެޗެވެ.
ވެސްޓް ހޭމް އަތުން 3-1 އިން ބަލިވެ ލިވަޕޫލުން ވަނީ މި ސީޒަނުގައި ލީގުގައި 3 ވަނަ ބައްޔާއި ކުރިމަތިލާފަ އެވެ. މެޗު ފަށައިގެން މާ ގިނައިރު ތަކެއް ނުވެ ލިވަޕޫލުގެ ޑިފެންސުން ހެދި ގޯސްތަކަކާއެކު ވެސްޓް ހޭމްގެ ވިންސްޓަން ރީޑް އަދި ދިއަފްރާ ސާކޯ ވަނީ މެޗުގެ 2 ވަނަ މިނެޓްގައި އަދި 7 ވަނަ މިނެޓްގައި ވޭސްޓް ހޭމް އަށް 2-0 ގެ ލީޑެއް ހޯދައިދީފަ އެވެ. ލިވަޕޫލްގެ ރަހީމް ސްޓާލިން ފުރަތަމަ ހާފުގެ 27 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ފަރަޤު ކުޑަކުރި ނަމަވެސް މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް ވެސްޓް ހޭމްގެ އަމަލްފިޓާނޯ ވަނީ ލަނޑެއްޖަހާ ވެސްޓް ހޭމްއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.
ޕަޕިސް ސީސޭ ފަހު ވަގުތު ޖަހައިދިން ދެ ލަނޑާއެކު ނިއު ކާސަލްއިން ވަނީ ފަހަތުން އަރާ 2-2 އިން ހަލް ސިޓީއާ އެއްވަރުކޮށްފަ އެވެ. ވިކްޓަރ ވަންޔާމާ ޖަހައިދިން ހަމައެކަނި ގޯލާއެކު ސައުތެމްޕްޓަން އިން ވަނީ ސްވެންސީ 1-0 އިން ބަލިކޮށް ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. މި މެޗުގެ 39 ވަނަ މިނެޓްގައި ސްވެންސީގެ ވިލްފްރައިޑް ބޯނީއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކިއުޕީއާރު އަދި ސްޓޯކް ސިޓީގެ ކުރިމަތިލުން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ބާންލީ އާއި ސަންޑަލޭންޑް ކުޅުނު މެޗުވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު 17:30 ގައި ކުޅޭނީ ލެސިސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑް އެވެ. އަދި ހަމަ އެގަޑީގައި ޓޮޓެންހަމް އަދި ވެސްޓް ބުރޮމްވެސް ކުޅޭނެ އެވެ. 20:00 ގައި މެންޗެސްޓަރ ސިޓީ އަދި ޗެލްސީ ކުޅޭއިރު ހަމަ އެގަޑީގައި އެވަޓަން އަދި ކުރިސްޓަލް ޕެލަސް ވެސް ބައްދަލު ކުރާނެ އެވެ.