ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކްލަބުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން އަދި ފިރިހެން ބީޗް ނެޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަޟްހާ އީދުގައި ކުޅުދުއްފުށީގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ މަދުވެގެން 3 ޓީމު ބައިވެރިވެގެން ކަމަށާއި މުބާރާތް ކުރިއަށް ގެންދާނެ ގޮތެއް ހަމަޖެހޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށްފަހު ކަމަށް ކްލަބުގެ ސެކްރެޓަރީ ރާޝިދާ މުސާ މި ނޫހަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.
ރާޝިދާ މޫސާ ވިދާޅުވި ގޮތުގައި ޓީމުތައް މަދުވެއްޖެނަމަ ވަންޑޭ ކަޕެއްގެ ގޮތުގައި މުބާރާތް ކުރިއަށް ގެންދާނެ އެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިއްކި ސަރަހައްދުގައި ނަމަވެސް އަދި ވަކި ހިސާބެއް ކަނޑައެޅިފައި ނުވަނީ ކައުންސިލުން ވަކިއެއްޗެއް ވިދާޅުނުވާތީ ކަމަށްވެސް ރާޝިދާ ވިދާޅުވި އެވެ.
މިއަހަރު މިމުބާރާތް ކުޅުދުއްފުށީގައި ކުރިއަށްގެންދަނީ މިމުބާރާތް ތައާރަފް ކުރުމުގެ ގޮތުން ކަމަށާއި އެކަށީގެންވާ ތަރުހީބެއް މުބާރާތައް މިއަހަރު ލިބިއްޖެ ނަމަ އަންނަ އަހަރުވެސް މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ހާމަކުރެ އެވެ.
މިއަހަރު މިމުބާރާތުގައި ހޮވަން ހަމަޖެހިފައިވަނީ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ.
މި މުބާރަތައް ފޯމު ލުމުގެ މުއްދަތު މި މަހުގެ 25 ގައި ހަމަވާއިރު ބައިވެރިވުމަށް އެދޭ ފޯމް އެ ކްލަބުގެ އިދާރާ “އެލްޕާސޯ”އިން ލިބެން ހުންނާނެ ކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ.