ލެސިސްޓަރ ސިޓީއިން ފަހަތުން އަރާ މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރިއިރު ޗެލްސީއާ ސިޓީ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ހިތްދަތި ގޮތަކަށް މެންޗެސްޓަރ ސިޓީ އަތުން 4-1 އިން ބަލިވިތާ އެއް އަހަރު ފަހުން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 5-3 އިން ލެސިސްޓަރ ސިޓީގެ ދަނޑުގައި ބަލިވެފަ އެވެ. ރޭގެ މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ 2 ލަނޑު ޖަހާ 2-0 ގެ ލީޑެއް ހޯދާފަ އެވެ. މި ލަނޑުތައް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ 14 ވަނަ މިނެޓްގައި ވޭން ޕާސީ އަދި 16 ވަނަ މިނެޓްގައި ޑި މާރިއާ އެވެ. ނަމަވެސް އޭގެ އެއް މިނެޓް ފަހުން ލެސިސްޓަރގެ ލިއޮނާޑޯ އުއްލޯ ވަނީ ލަނޑެއް ޖަހާ ފަރަޤު ކުޑަކޮށްފަ އެވެ.
ފަހު ހާފު ފަށައިގެން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް 57 ވަނަ މިނެޓްގައި ވަނީ އެންޑަރ ހެރޭރާގެ ބެކް ފްލިކަކުން ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ލެސިސްޓަރ އިން ވަނީ 20 މިނެޓް ތެރޭ 4 ލަނޑު ޖަހާ ނަތީޖާ އަނބުރާލާފަ އެވެ. މީގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އިންނެވެ. ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރ ޓައިލާ ބުލެކެޓް އަށް ވަނީ މެޗުގެ 83 ވަނަ މިނެޓްގައި ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ޗެލްސީއިން ލީގު ފަށައިގެން ހުރިހާ މެޗަކުން މޮޅުވަމުން އައި ރެކޯޑު ސިޓީއިން ރޭ ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީއިން ރަނގަޅަށް ކުޅުނު ނަމަވެސް 71 ވަނަ މިނެޓްގައި ލަނޑުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. އޭގެ ފަސް މިނެޓް ކުރިން ސިޓީގެ ޕަބްލޯ ޒަބަލީޓާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާފަ އެވެ.
މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ޗެލްސީއަށް 13 އަހަރު ކުޅުމަށްފަހު މި ސީޒަނުގައި ޗެލްސީއިން ދޫކޮށްލި ލަމްޕާޑް ވަނީ ލަނޑެއް ޖަހާ ޗެލްސީ ރޮއްވާލާފަ އެވެ. މި ލަނޑާއެކު ލަމްޕާޑު ވަނީ ޕްރިމިއާ ލީގުގެ ތަފާތު 39 ކުލަބަކާ ދެކޮޅަށް ލަނޑު ޖެހުމުގެ ރެކޯޑު ހަދާފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ވެސްޓް ބުރޮމްގެ އަތުން 1-0 އިން ބަލިވެފަ އެވެ. އަދި ކުރިސްޓަލް ޕެލަސް އިން ވަނީ ރަށުން ބޭރުގައި އެވަޓަންގެ މައްޗަށް 3-2 އިން ކުރިހޯދާފަ އެވެ.