twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު ކުލަބު ތިލަދުންމަތި ކާމިޔާބުކޮށްފި

Sep 27, 2014

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ތިލަދުންމަތި ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ފެށި މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ބައްދަލުކުރީ ނޮޅިވަރަމްގެ ވާދަވެރި ދެ ކުލަބު ކަމުގައިވާ ކުލަބު ތިލަދުންމަތި އަދި ކުލަބު ހުވާސް އެވެ. މިއަދުގެ މެޗު ކުލަބު ތިލަދުންމަތިން ކާމިޔާބުކުރީ 3-1 އިންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗުގެ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފަހު ހާފު އެވެ. މި މެޗުގެ ފުރަތަމަ ލަނޑު ކުލަބު ތިލަދުންމަތި ކާމިޔާބުކުރިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 60 ވަނަ މިނެޓްގައި އެ ޓީމުގެ ކެޕްޓަން ޝާފިއު މުހައްމަދެވެ.

މި ލަނޑާއެކު ކުލަބު ތިލަދުންމަތި ކުޅުން ރަނގަޅުކުރިއިރު އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ޖަހާފައިވަނީ ހަމްޒާ އަބޫބަކުރެވެ. އަދި އޭގެ 12 މިނެޓް ފަހުން އޭނާގެ ކޮއްކޮ އަބްދުލް ރަހީމް (އައްދު) ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފަރަޤު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ކުލަބު ހުވާސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 89 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ހަސަން ސިރާޖެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލަބު ތިލަދުންމަތީގެ ޖާޒީ ނަންބަރު 17 ހަމްޒާ އަބޫބަކުރެވެ. މޭން އޮފް ދަ މެޗަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީ ގެ ދެ ޓީމު ކަމުގައިވާ ކުރިނބީ ކުރިމަގު ޖަމިއްޔާ އަދި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބެވެ.

ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355