twitterviber whatsapp telegramfacebookyoutube instagram
25th May 2026

އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުން ރިޒާ ހަތްވަނަ އަށް

Sep 28, 2014

ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުގައި އުމުރުން 17 އަހަރުގެ ހުސައިން ރިޒާ 51.69 ސިކުންތުން ރޭސް ނިންމާ ހީޓުގެ ހަތް ވަނަ އަށް ގޮސްފި އެވެ.

އޭޝިއަން ގޭމްސްގައި ރިޒާ 51.69 ސިކުންތުން ރޭސް ނިންމާފައިވާއިރު މިދިޔަ މޭ މަހު އޮތް ޔޫތު ގޭމްސްގެ ކޮލިފައިންގައި މި އިވެންޓް ރިޒާ ނިންމީ 53 ސިކުންތުންނެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ހުސައިން ރިޒާ ޖުލައި މަހު އޮތް ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި ރޭސް ނިންމީ 52 ސިކުންތުންނެވެ. އެހެންކަމުން މި ފަހަރު އޭނާ މިވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

400 މީޓަރުގެ ދުވުމުގައި ރިޒާގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ހުސެއިން އިނާޝް ރޭސް ނިންމާފައިވަނީ 49.83 ސިކުންތުންނެވެ. އޭނާ ވެސް ދިޔައީ ހީޓުގެ ހަތް ވަނަ އަށެވެ.

ރިޒާގެ އިތުރުން އޭޝިއަން ގޭމްސްގައި ބައިވެރިވި ޓީމްގައި ހިމެނެނީ ހަސަން ސާއިދު، އަހުމަދު ހަސަން، ހުސައިން އިނާޝް އަދި ޝިފާޒް މުހައްމަދެވެ. އަދި ޓީމުގެ 2 ކޯޗުންގެ ގޮތުގައި އަހުމަދު ފާއިލް އާއި މުހައްމަދު ޝުޖާއު ބައިވެރިވެ އެވެ. ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުގައި ދުވެ ގައުމީ ރިކޯޑު އާކޮށް، ސެމީ އިން ޖާގަ ހޯދާފަ އެވެ.

މި މުބާރާތް އަންނަ މަހުގެ 4 ހަމައަށް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355