ވޭން ރޫނީ ތިއަރީ އޮންރީގެ ރިކޯޑް މުގުރާލައި ތާރީޚްގެ ތެރެއަށް ވަތް މެޗު ރަތްކާޑަކާއެކު ނިންމާލިއިރު ޗެލްސީއިން ވަނީ ތާވަލުގެ އެއްވަނަ ދަމަހައްޓާފަ އެވެ.
ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގެ 5 ވަނަ މިނެޓްގައި ރޫނީ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑު ނަގައިދީ ޕްރިމިއަ ލީގުގެ ތިންވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމަށް އަރާފަ އެވެ. ޕްރިމިއާ ލީގުގައި ރޫނީ މިހާތަނަށް 176 ލަނޑު ޖަހާފައިވާއިރު އޭނާއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ 260 ލަނޑު ޖަހާފައިވާ އެލަން ޝިއޭރާ އަދި 187 ލަނޑު ޖަހާފައިވާ އެންޑީ ކޯލް އެވެ.
މި މެޗު ޔުނައިޓެޑުން 2-1 އިން ކާމިޔާބުކުރިއިރު 22 ވަނަ މިނެޓްގައި ރޮބިން ވޭން ޕާސީ ވަނީ ލަނޑެއް ޖަހާފަ އެވެ. މި މެޗުގެ 60 ވަނަ މިނެޓްގައި ރޫނީ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފަ އެވެ.
މެޗުގެ 7 ވަނަ މިނެޓްގައި އޮސްކާ ޖަހައިދިން ލަނޑުގެ އިތުރުން 59 ވަނަ މިނެޓްގައި އަދި 79 ވަނަ މިނެޓްގައި ޑިއޭގޯ ކޯސްޓާ އަދި ވިލިއަން ޖަހައިދިން ލަނޑާއެކު ޗެލްސީ އިން ވަނީ 3-0 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ޑިއޭގޯ ކޯސްޓާ މި މެޗުގައި ޖެހި ލަނޑަކީ މިހާތަނަށް އޭނާ މި ސީޒަނުގައި ޖެހި 8 ވަނަ ލަނޑެވެ.
ޓޮޓެންހަމް އަދި އާސެނަލް ކުޅުނު މެޗުގައި ނާސިރު ޗެދްލީ މި ސީޒަނުގައި ޖެހި 4 ވަނަ ލަނޑާއެކު މެޗުން މޮޅުވާން ދަނިކޮށް އާސެނަލްގެ ޗެމްބަރލެއިން ވަނީ މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗު 1-1 އިން އެއްވަރުކޮށްދީފަ އެވެ.
މި ސީޒަނުގައި ޓީމާ އަލަށް ހަވާލުވި ރޮނާލްޑް ކޮއެމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސައުތެމްޕްޓަންއިން ވަނީ 2-1 އިން ކިއުޕީއާރު ބަލިކޮށް ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. މެޗުގެ 55 ވަނަ މިނެޓްގައި ބާޓްރޭންޑް ސައިތެމްޕްޓަންއަށް ލީޑު ނަގައިދީފައި ވަނިކޮށް 66 ވަނަ މިނެޓްގައި ކިއުޕީއާރުގެ ޗާލީ އޮސްޓިން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. މި މެޗުން ސައުތެމްޕްޓަން މޮޅުވި ލަނޑު އޯވަހެޑް އަކުން ޖަހާ ކާމިޔާބުކޮށްދިނީ ގުރެޒިއާނޯ ޕެއްލޭ އެވެ.
ސިޓީއިން ރޭ ކުޅުނު މެޗުގައި އެޑިން ޒެކޯގެ ދެ ލަނޑާއި ސާޖިއޯ އެގުއޭރޯ އަދި ފްރޭންކް ލަމްޕާޑްގެ ލަނޑުތަކުން 4-2 އިން ހަލްސިޓީގެ މައްޗަށް ކުރި ހޯދިއިރު ކުރިސްޓަލް ޕެލަސްއިން ވަނީ 2-0 އިން ލެސިސްޓަރ ބަލިކޮށްފަ އެވެ. ސްވެންސީ އަދި ސަންޑަލޭންޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިރޭ ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް ބުރޮމް އަދި ބާންލީ އެވެ. މި މެޗު ފެށޭނީ 2000 ގަ އެވެ.