ހދ އަތޮޅު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ ޖާގަ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފި އެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ސެމީއަށް ދަތުރުކުރީ ގުރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ދެވަނަ ކަށަވަރުކުރީ ގުރޫޕް އޭ ގެ ފަހު މެޗުގައި މިއަދު ނޮޅިވަރަމް ކުލަބު ހުވާސް 4-1 އިން ބަލިކޮށްގެންނެވެ.
މި މެޗު އެއްވަރުކޮށްލައިގެންވެސް ސެމީގެ ޖާގައެއް ހޯދެން އޮތް ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާގެ އަހުމަދު ހަލީލް މި މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނެގި ނަމަވެސް ކުޑައިރުކޮޅެއްތެރޭ ނޮޅިވަރަމް ޓީމުން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑު ގުރެއިޝް އަބްދުލް ރައްޒާޤެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނެޓްގައި ހަނިމާދޫގެ ނޫރުﷲ ތޯހާ ލަނޑެއް ޖަހާ އަލުންވަނީ ލީޑު ހޯދާފަ އެވެ
ދެވަނަ ހާފުގެ 18 ވަނަ މިނެޓްގައި ހަނިމާދޫގެ އަހުމަދު އަލީ ލީޑު ފުޅާކޮށްފައިވާއިރު މެޗު ނިމެނިކޮށް ކީޕަރަށް ހެދުނު ގޯހަކުން ހަނިމާދޫގެ ނޫރުﷲ ތޯހާ ވަނީ އިތުރު ލަނޑެއް ޖަހާ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ނޫރުﷲ ތޯހާ އެވެ.
މި ބައްޔާއެކު ނޮޅިވަރަމް ކުލަބު ހުވާސް އެއްވެސް ޕޮއިންޓެއް ނުލިބި ކަޓާފަ އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި މާދަމާ ހަވީރު ކުޅުދުއްފުށީ ޒިގްޒެގް އަދި ކުރިނބީ ކުރިމަގު ޖަމިއްޔާ ކުޅޭއިރު މި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގައެއް ކަށަވަރު ވާނެ އެވެ. ކުޅުދުއްފުށީ ޓީމަށް މި މެޗު އެއްވަރުކޮށްލި ނަމަވެސް ގުރޫޕްގެ އެއްވަނާގައި ގޮތުގައި ސެމީއަށް ދާނެއެވެ.