ޗެމްޕިއަންސް ލީގުގައި ރޭ ވެސް ވަނީ 8 މެޗު ކުޅެވިފަ އެވެ.
ގުރޫޕް އޭ ގެ މެޗުތަކަށް ބަލާއިރު ފައިނަލެއްގެ ގޮތުގައި ދެކިގެން ޔުވެންޓަސްއާ ދެކޮޅަށް ނުކުތް އެތުލެޓިކޯ މެޑުރިޑުންވަނީ ކާމިޔާބު ހޯދާފަ އެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 75 ވަނަ މިނެޓްގައި ޖުއަފްރަން ނަގައިދިން ހުރަހެއް ވަރަށް ހަމަޖެހިލައިގެން ކާމިޔާބުކުރި އާޑާ ޓޫރާންގެ ފަރާތުންނެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި މަލްމޯ އެފްއެފް އިންވަނީ 2-0 އިން އޮލިމްޕިއާކޯސް ބަލިކޮށްފަ އެވެ. މެޗުގައި ފެނިގެން ދިޔަ 2 ލަނޑުވެސް ކާމިޔާބުކުރީ މާކަސް ރޯސެންބާގެވެ.
ގުރޫޕްގެ މެޗުތަކަށް ބަލާއިރު ރިއަލް މެޑްރިޑުން ވަނީ ރަށުން ބޭރުގައި ޕީއެފްސީ ލޫޑޯގޮރެޓްސް 2-1 އިން ބަލިކޮށްފަ އެވެ. މި މެޗުގެ 6 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ޕީއެފްސީ ގެ މާސެލީނިއޯ ވަނީ ލަނޑެއް ޖަހާ ލީޑު ހޯދާފަ އެވެ. އޭގެ 5 މިނެޓް ފަހުން ރިއަލް އަށް ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ ބޭކާރުކޮށްލާފައިވާއިރު 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް 69 ލަނޑާއެކު ރޮނާލްޑޯވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚްގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް އަރާފަ އެވެ. މި މެޗުން ރިއަލް މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ މާސެލޯގެ ހުރަހަކުން ބެންޒީމާ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ލިވަޕޫލް އަދި ސްވިޒަލެންޑްގެ ބަސެލް ކުޅުނުއިރު މި މެޗު 1-0 އިން ކާމިޔާބުކުރީ ބަސެލް އެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ލިބުނު ކޯނަރަކުން ކާމިޔާބުކުރީ މާކޯ ސްޓްރެއްލާ އެވެ.
ގުރޫޕް ސީ ގައި ކުޅުނު ޒެނިތު އަދި މޮނާކޯ ކުޅުނު މެޗު އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ބަޔާން ލެވަކޫސަން ވަނީ 3-1 އިން ބެންފީކާ ބަލިކޮށްފަ އެވެ.
ގުރޫޕް ޑީ ގައި ކުޅުނު މެޗުތަކަށް ބަލާއިރު ޑޯޓްމަންޑުން ވަނީ 3-0 އިން އެންޑަލެކްޓް ބަލިކޮށްފަ އެވެ. މި މެޗުގެ 3 ވަނަ މިނެޓްގައި ސީރޯ އިމޯބައިލް ލަނޑެއްޖަހާ ލީޑު ހޯދައިދިންއިރު އެޑްރިއަން ރާމޯސް ވަނީ މެޗުގެ 69 ވަނަ މިނެޓްގައި އަދި 79 ވަނަ މިނެޓްގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި އާސެނަލްއިން ވަނީ ގަލަތަސަރާއީ 4-1 އިން ބަލިކޮށްފަ އެވެ. މި މެޗުގައި އާސެނަލްގެ ޑެނީ ވެލްބެކް ހެޓްރިކެއް ހަދާފައިވާއިރު އަނެއް ލަނޑު ކާމިޔާބުކުރީ އެލްކްސިސް ސަންޗޭޒް އެވެ. މި މެޗުގައި އާސެނަލްގެ ކީޕަރަށް ރަތްކާޑެއް ދައްކާފައިވާއިރު ގަލަތަސަރާއީގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖަހާފައިވަނީ ބޫރަކް ޔިލްމާޒެވެ.