ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކުރިނބީ ކުރިމަގު ޖަމިއްޔާގެ މައްޗަށް ހަ ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެ، ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅުދުއްފުށީ ޒިގްޒެގް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗް ޒިގްޒެގް ކާމިޔާބުކުރީ ކުރިނބީ ކުރިމަގު ޖަމިއްޔާއާ ވާދަކޮށް 6-0 އިންނެވެ. ދެޓީމުގެ ވެސް ރީތި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ގޯލަކީ ކުރިނބީ ޓީމުގެ ޖ. ނަންބަރު 17 އަލީ ރަފްހާން އަތުން ބައިކޮޅަށްވަތް ގޯލެކެވެ.
ކުޅުދުއްފުށީގެ ގިނަ ސަޕޯޓަރުން ތަކެއް ކުރިމަތީގައި ކުޅުނު މިމެޗުގެ ކުޅުދުއްފުށީ ޒިގްޒެގް ޓީމަށް 3 ލަނޑުޖަހާ ދިނީ ހުނަރުވެރި ކުޅުންތެރިޔާ އަދި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ޖ. 21 ޒައިދު މުހައްމަދެވެ. އިތުރު ގޯލްތައް ޖަހާދީފައިވަނީ ޖ. 7 އިބުރާހިމް ހަސަން (ކުޑަ އިއްބެ) އާއި ޖ.18 އަހުމަދު ގާސިމެވެ.
ފަހު ހާފުގައި ޒިގްޒެގް ޓީމަށް ހުސްކޮށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ނުހިފި ވަނީ ބޭކާރުވެފަ އެވެ. ކުރިނބީ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފަހި ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މި މަހުގެ 5 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭގެ 1 ވަނަ އަދި އެންމެފަހުގެ ޗެމްޕިއަން ނޮޅިވަރަމް ކްލަބް ތިލަދުންމަތި އަދި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.
މި މެޗް ޝަރަފްވެރިކޮށްދެއްވާ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ރީޖަނަލް ސޭލްސް މެނޭޖަރ އަބްދުލް މުހައިމިން އިބްރާހީމެވެ.
ފޮޓޯ ގެލެރީ