ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. ތަކަންދޫ ކައުންސިލް އިދާރާ ގުޅިގެން ޝަހީދު އަލީ ތަކުރުފާނުގެ ހަނދާނުގައި ބާއްވާ ފުރަތަމަ ވޮލީބޯޅަ މުބާރާތް ތަކަންދޫގައި ފަށައިފި އެވެ.
“ޝަހީދު އަލީ ތަކުރުފާނު ހަނދާނީ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރާތް” ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ފެށި މި މުބާރާތަކީ އަންހެނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމާއި އަންހެނުންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގުސަދުގައި ފެށި މުބާރާތެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންނާއި ހއ. ތަކަންދޫ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް މުޖުތަމައުގެ ކަންކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި މުބާރާތުގެ މަގުސަދެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި އަންހެނުންނަކީ ކުށްމަދު މުޖުތަމައެއް ބިނާކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި ކުށް މަދު މުޖުތަމައުއެއް ބިނާކުރުމަށް އަންހެނުންގެ ހިއްސާ ނުހަނު ބޮޑު ބައެއްކަމަށް ވިދާޅުވެފަ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައިވާ “މުޖުތަމައުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން” މި ދެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ކުރިއަށްގެންދާ މި މުބާރާތް ކުރިއަށް އޮތްތަނުގައި ހއ އަތޮޅަށް ހުޅުވައިލައިގެން މިއަށްވުރެ ފެންވަރު ރަގަޅުކޮށް އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އަންހެނުންނަށް އަމާޒްކޮށްގެން ތަކަންދޫގައި ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު މި މުބާރާތް މި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.