އަޟްހާ އީދުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ބޭއްވި ފުރަތަމަ ބީޗް ނެޓްބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ގޮއްޔެ ޓީމު ހޯދިއިރު ފިރިހެން ޗެމްޕިއަންކަން ޖަލަޕީނޯ ހޯދައިފި އެވެ
މިއަދު ހަވީރު ކުޅުނު ފިރިހެން ފައިނަލް މެޗްގައި ބައްދަލުކުރީ ކޮރަލްސް ވޮލްވޮލައިނާއި ޖަލަޕީނޯ އެވެ. ޖަލަޕީނޯ މެޗް ކާމިޔާބުކުރީ 17-9 ޕޮއިންޓުންނެވެ. އަންހެން ފައިނަލް މެޗުގައި ބައްދަލުކުރީ ގޮއްޔެ އާއި ހޮޓްޝޮޓެވެ. 17-35 ޕޮއިންޓްގެ ބޮޑު ތަފާތަކުން މެޗް ގެންދިޔައީ ގޮއްޔެ އެވެ.
މުބާރާތުގެ އަންހެން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގޮއްޔެގެ ރާޝިދާ މުސާ އާއި ޝާހިދާ މުސާ އާއި އިމާ އަބުދުއް ސައްތާރާއި ހޮޓްޝޮޓްގެ ނަސީމާ އިބުރާހިމްގެ އިތުރުން ކުޅެލައޭ ޓީމުގެ ރިޝްފާ މުހައްމަދެވެ.
މުބާރާތުގެ ގަދަ ފަސް ފިރިހެނުން ހޮވާފައެއް ނުވެ އެވެ. އެއީ ކުޅެން ހަމަޖެހިފައިވާ ދެމެޗަށް ބައެއް ޓީމު ހާޒިރުނުވުމުންނެވެ. އެހެން ކަމުން ހޮވާފައިވަނީ ގަދަ ތިން ފިރިހެނުންނެވެ. އެއީ ޖަލަޕީނޯގެ ތިން ކުޅުންތެރިން ކަމުގައިވާ އަލީ އިބުރާހިމާއި މުހައްމަދު ހަސަން އަދި އުސްމާނެވެ.
ފައިނަލް މެޗުތައް ޝަރަފްވެރި ކޮށްދެއްވާ އިނާމުތައް ބައްސަވައި ދެއްވީ ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް އެވެ.
މިއީ ކުޅުދުއްފުށި ޔޫތު އެންޑް ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން 3 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ.
ފޮޓޯ ގެލެރީ