ކުޅުދުއްފުށީ ކްއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވާ ކްއަންޓަމް ވެޓްރަންސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކްއަންޓަމް ފިހާރައިން މި ނޫހަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތަކީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށްވެސް އެ ފިހާރައިން މައުލޫމާތު ދިނެވެ.
ނަންނޯޓް ކުރާ ކުޅުންތެރިންގެ މެދުގައި ނަގާ ގުރުއަތަކުން ޓީމްތައް ކަނޑައެޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ 2014 އަށް 35 އަހަރު ފުރޭ ކުޅުންތެރިންނަށެވެ.
އެސްޓީއޯ ނޫފަހި ފުޓްސަލް އެރީނާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
ކްއަންޓަމް ފިހާރާއިގައި ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވިފައިވާއިރު އެ ފިހާރައިން ބުނީ މި މުބާރާތުގެ މަގުސަދަކީ ވާދަވެރި ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ކުރީގެ ކުޅުންތެރިން ކުޅިވަރުގެ ތެރެއަށް ނެރެ އެމީހުންގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހި ކުރުންވެސް މިއީ މި މުބާރާތުގެ މަގުސަދެއް ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 8:00 ން 10:30 ށެވެ.