twitterviber whatsapp telegramfacebookyoutube instagram
8th May 2024

އާސެނަލް އަދި ލޫޑޯގޮރެޓްސް ފަހު ވަގުތު މޮޅުވެއްޖެ

Oct 23, 2014

ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގައި އާސެނަލް އަދި ބެލްޖިއަމްގެ ލޫޑޯގޮރެޓްސް ފަހު ވަގުތު މޮޅުވެއްޖެ އެވެ.

ގުރޫޕް ޑީ ގައި ގުރީސްގެ އެންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ނުފެނުނު ނަމަވެސް އެންޑަލެކްޓްއިން ވަނީ 71 ވަނަ މިނެޓްގައި އެންޑީ ނަޖާ ޖަހައިދިން ލަނޑަކުން ލީޑު ހޯދާފަ އެވެ.

 އާސެނަލްގެ މެނޭޖަރ އާސެން ވެންގާގެ 65 ވަނަ އުފަންދުވަހުގައި ކުޅުނު މި މެޗުގައި އެ ޓީމަށް އުފާވެރިކަން ލިބުނީ 89 ވަނަ މިނެޓްގައި 91 ވަނަ މިނެޓްގައި ކިއެރަން ގިބްސް އަދި ލޫކަސް ޕޮޑޮލްސްކީ ލަނޑު ޖަހައިދީ މޮޅުކޮށްދިނުމުންނެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ރަށުން ބޭރުގައި ޑޯޓްމަންޑުން ވަނީ ފަސޭހަ ކަމާއެކު ގަލަތަސަރާއީ 4-0 އިން ބަލިކޮށްފަ އެވެ. އައުބަމެޔާންގް މެޗުގެ ކުރީކޮޅު ދެ ލަނޑު ޖަހާ 2-0 ގެ ލީޑެއް ހޯދައިދީފައިވާއިރު މާކޯ ރޫސް ވަނީ ފުރަތަމަ ހާފު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އެޑްރިއަން ރާމޯސް ވަނީ ފަހު ހާފު އިތުރު ގޯލެއް ކާމިޔާބުކޮށްފަ އެވެ.

ގުރޫޕް ބީ ގައި ލޫޑޯގޮރެޓްސްވަނީ 92 ވަނަ މިނެޓްގައި މިނޭވް ޖަހައިދިން ލަނޑުން ބަސެލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބެލްޖިއަމް ޓީމެއް ހޯދި މޮޅުގެ ޝަރަފު ލިބިގެންފަ އެވެ. ސެރޭ ޑާއި އަށް މެޗުގެ 18 ވަނަ މިނެޓްގައި ރަތް ކާޑެއް ދެއްކުމުން މި މެޗުގެ ބޮޑު ބައި ބަސެލްއިން ކުޅެފައިވަނީ 10 މީހުންނާއެކު އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ރިއަލް މެޑްރިޑުން ވަނީ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށްފަ އެވެ. މިއީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ.

 މި މެޗުގެ ކުރީކޮޅު ލިވަޕޫލްގެ ސަޕޯޓަރުން “ބޫ” (ހިތްހަމަ ނުޖެހުމުގެ އަޑު) ކުރަމުން ދިޔަ ކުރިސްޓިއާނޯ ރޮނާލްޑޯވަނީ މެޗުގެ 23 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ހޯދާދީފަ އެވެ. މިއީ މި ސީޒަނުގައި ރޮނާލްޑޯ ޖެހި 20 ވަނަ ލަނޑަށްވާއިރު ޗެމްޕިއަންސް ލީގުގައި 71 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖަހާފައިވާ ރައުލްއާ ހަމަކުރުމަށް ރޮނާލްޑޯއަށް މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ.

މި މެޗުގައި ފެނިގެން ދިޔަ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގައި 30 ވަނަ މިނެޓްގައި އަދި 41 ވަނަ މިނެޓްގައި ކަރިމް ބެންޒީމާ އެވެ.

ވޭތުވެދިޔަ ސީޒަނުގެ ރަނަރއަޕް އެތުލެޓިކޯއިން ވަނީ 5-0 އިން މަލްމޯ ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފު އެއްވެސް ގޯލެއް ފެނިފައިނުވި ނަމަވެސް ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓްގައި ކޯކޭ ލަނޑެއް ޖަހާ ލީޑު ހޯދައިދީފައިވެ އެވެ. އިތުރު ތިން ލަނޑު ޖެހުމަށް ކޯކޭ އެހީތެރިވެދިންއިރު އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ ގުރިޒްމަން، މަންޑުޒުކިޗް، ކެޕްޓަން ގޯޑިން އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ސާސީ އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ޔުވެންޓަސް ވަނީ 1-0 އިން އޮލިމްޕިއާކޯސް އަތުން ބަލިވެފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަސާމީ އެވެ.

ޑޮނާޓީ އަދި ޕޮޕަޑޫޕްލަސް ޖަހައިދިން ލަނޑުތަކުން 2-0 އިން ބަޔާން ލެވަކޫސަން ވަނީ ޒެނިތު ޕީޓާސްބާގް ބަލިކޮށްފަ އެވެ. ގުރޫޕް ސީ ގެ އަނެއް މެޗުގައި މޮނާކޯ އަދި ބެންފީކާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ކުޅުން ދެން އޮންނާނީ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު އެވެ. ހުރިޙާ ޓީމެއްވެސް ބައްދަލުކުރާނީ އެ ޓީމެއް އެންމެ ފަހުން ކުޅުނު ޓީމާ އެވެ.

[yass cats=134]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355