ކުއަންޓަމް ވެޓަރަންސް ފުޓްސަލް ކަޕް 2014 ފެށިއްޖެ އެވެ.
މިރޭގެ ފުރަތަމަ މެޗުގައި އިންޓެލް އަދި އޭޓީއައި ރޭޑިއޮން ބައްދަލުކޮށް 7-4 އިން މެޗު ކާމިޔާބުކުރީ އިންޓެލްއިން ނެވެ، އަދި ދެވަނަ މެޗު އޭއެމްޑީއިން ކާމިޔާބުކުރީ ޑަބްލިއުޑީއާ ވާދަކޮށް 4-2 އިންނެވެ.
ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހުސައިން ހަސަން 4 ގޯލު ޖަހާފައިވާއިރު ސަމީރު ޔޫސުފް (ސީޓޭ) ވަނީ އެ ޓީމަށް އިތުރު ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އެ ޓީމުން ދެން ލަނޑު ޖަހާފައިވަނީ އަބްދުލް ސައްތާރު އަބޫބަކުރު (ސަޓޯ) އެވެ. މި މެޗުގައި އޭޓީއައި ގެ އަހްމަދު މޫސާ ދެ ލަނޑު ޖަހާފައިވާއިރު ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ހުސައިން (ޑޮން) އަދި އިބްރާހިމް ހަސަން (ގޮމައްޓޭ) އެވެ.
މިރޭގެ ދެވަނަ މެޗު 4-2 އިން ނިމިގެން ދިޔައިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އޭއެމްޑީގެ ބަޝީރު ޔޫސުފް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަދި އަބްދުލް ރަހީމް އަލީ (ޕައިލެޓް) އާއި އަމްޖަދު މޫސާވެސް ވަނީ ލަނޑު ޖަހާދީފަ އެވެ. ޑަބުލިއުޑީ ގެ ލަނޑު އަބްދުލް ރަހްމާން އަލީ (ފޯއަދުރޭ) ޖަހާދީފައިވާއިރު އެ ޓީމުން ޖެހި އަނެއް ލަނޑަކީ އޭއެމްޑީގެ އަބްދުލް ހަމީދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިރޭގެ މެޗުތައް ޝަރަފުވެރިކޮށްދެއްވާ މޭން އޮފް ދަ މެޗު ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު އަދި ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާތިފް އެވެ.
މާދަމާރޭވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. 2020 ގައި ފެށޭ މެޗުގައި އެންވީޑިއާ އަދި ހެވިޓް ބައްދަލުކުރާއިރު 2120 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ކެސްޕާސްކީ އަދި ކިންގްސްޓަން އެވެ.
މި މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރާއިރު މި 8 ޓީމުގައި ޖުމްލަ 62 ކުޅުންތެރިން ހިމެނެ އެވެ. މިއީ ކުޅުދުއްފުށީ ކުއާންޓަމް ފިހާރައިން ރާވާ އިންތިޒާމްކުރާ މުބާރާތެކެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ނޫފަހި އެރީނާގަ އެވެ. އަދި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.