އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.
ރޭ ވެސްޓް ހޭމް ގެ ބޮލޭން ގުރައުންޑްގައި ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 އިންނެވެ. މޯގަން އަމަލްފިތާނޯ އަދި ދިއާފްރާ ސާކޯ ޖަހައިދިން ދެ ލަނޑާއެކު ވެސްޓް ހޭމް އިން މޮޅުވި މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށް ޑޭވިޑް ސިލްވާ އެވެ. މި ލަނޑާއެކު ސިޓީއިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ވެސްޓް ހޭމް އިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްފަ އެވެ.
އެލްކްސިސް ސަންޗޭޒް ޖަހައިދިން ދެ ލަނޑާއެކު އާސެނަލްއިން ވަނީ 2-0 އިން ސައުުތެމްޕްޓަން ބަލިކޮށްފަ އެވެ. އެހެން ނަމަވެސް ލިވަޕޫލްއިން ޖެހިޖެހިގެން 3 ވަނަ މެޗަކުން މޮޅުވާން ލިބުނު ޗާންސް ނާކާމިޔާބުވީ ހަލްސިޓީއާ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުންނެވެ. މި މެޗުގައިވެސް ބޮލޮޓެއްލީއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ސާޑިއޯ މާން ޖަހައިދިން ހަމައެކަނި ލަނޑާއެކު ސައުތެމްޕްޓަންއިންވަނީ 1-0 އިން ސްޓޯކް ސިޓީ ބަލިކޮށް އަލުން ލީގުގެ ދެވަނައަށް ޖެހިލާފަ އެވެ. މީގެ އިތުރުންވެސް މި މެޗުގައި ސައުތެމްޕްޓަންގެ ސުނެޑަލިން އަދި ޕެއްލޭ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ.
ފުރަތަމަ ހާފުގައި ބުރެޑް ހެންގަލެންޑް އަދި މައިކް ޖެދިނަކް ކުރިސްޓަލް ޕެލަސްއަށް ލަނޑު ޖަހައިދީ 2-0 އިން ލީޑު ނަގާދީފައިވަނިކޮށް ވެސްޓް ބުރޮމް އިން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ އެއްވަރުކޮށްފަ އެވެ. ފަހު ހާފު ފެށުމާއެކު ވިކްޓަރ އެނިޗެބީ ލަނޑެއްޖަހާ ފަރަޤު ކުޑަކޮށްދިންއިރު ސައިޑޯ ބެރަހީނޯ ވަނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެއްވަރުކޮށްދީފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ލީގުގައި ޖެހި 6 ވަނަ ލަނޑެވެ.
ވިލްފުރައިޑް ބޯނީ ޖަހައިދިން ދެ ލަނޑާއެކު ސްވެންސީ ވަނީ ލެސިސްޓާ ސިޓީ 2-0 އިން ބަލިކޮށް ލީގުގެ ހަވަނައަށް އަރާފަ އެވެ.
މިރޭވެސް ލީގުގައި ފޯރިގަދަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2100 ގައި މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ ފާހަގަ ކޮށްލެވޭ މެޗެކެވެ. މިރޭ 1830 ގައި ދެ މެޗު ކުޅޭއިރު ފުރަތަމަ މެޗުގައި ބާންލީ އާއި އެވަޓަން ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ ޓޮޓެންހަމް އަދި ނިއު ކާސަލް ޔުނައިޓެޑް އެވެ.