ކުއަންޓަމް ވެޓެރަންސް ފުޓްސަލް ކަޕް 2014 ގައި މިރޭ ކުޅުނު މެޗުތައް ހެވިޓް އަދި ކިންގްސްޓަން ކާމިޔާބުކޮށްފި އެވެ.
މިރޭގެ ފުރަތަމަ މެޗުގައި އެންވީޑިއާ އަދި ހެވިޓް ކުޅުނުއިރު މި މެޗު 7-4 އިން ކާމިޔާބުކުރީ ހެވިޓްއިންނެވެ. މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހަސަން އާދަމް (ތުޅާގިރި) 4 ލަނޑު ޖަހާފައިވެ އެވެ. މީގެ އިތުރުން އަހްމަދު ހަސަން (ބަންނަ)، މުހައްމަދު އަބުދުލް ސަމަދު (ސަމަދޭ) އަދި މުހައްމަދު ހަސަން (ސެންޗޯ) މިއިން ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހައިދީފައިވެ އެވެ.
މި މެޗުގައި އެންވީޑިއާގެ އަހްމަދު މުހައްމަދު (ފޮޓޯބެ) 3 ލަނޑު ޖަހާފައިވާއިރު ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަބޫބަކުރު މޫސާ (ދޮނޭ) އެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ކެސްޕާސްކީ އަދި ކިންގްސްޓަން ކުޅުނުއިރު 7-5 އިން މި މެޗު ކާމިޔާބުކުރީ ކިންގްސްޓަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަލީ ޒިޔާދު (ބޮޑުސައި) އެ ޓީމަށް ދެ ލަނޑު ޖަހައިދިންއިރު ޖަލީލް އަލީ (ޖައްލެ) ވެސް ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ. އަދި އެ ޓީމުގެ އަބްދުލް މަޖީދު ހަސަން (ކޮމްރެޑް ވިލާ) ތިން ލަނޑު ޖަހާފައިވެ އެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ މައުރޫފް އާދަމް (މާއްޓޭ) އެވެ.
ކެސްޕާސްކީ ޖެހި ފަސް ލަނޑުގެ ތެރެއިން 4 ލަނޑު ޖަހައިދީފައިވަނީ އާދަމް އަލީ (މާޔާ) އެވެ. އެ ޓީމުން ކާމިޔާބުކުރި އަނެއް ލަނޑު ޖަހައިދިނީ ސައުދު ހަސަން އެވެ.
މިރޭވެސް މި މުބާރާތުގައި 2 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2020 ގައި ކުޅޭ މެޗުގައި އޭޓީއައި އާއި ޑަބްލިއުޑީ އެވެ. މި މެޗަށް ނުކުންނައިރު މި ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ.
މިރޭގެ ދެވަނަ މެޗުގައި 2120 ގައި ބައްދަލު ކުރާނީ އިންޓެލް އަދި އޭއެމްޑީ އެވެ. މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު މި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ.