އޭއެމްޑީއިން ވެޓެރަންސް ކަޕްގެ ސެމީއާ ގާތަށް ޖެހިލައިފި އެވެ.
ރޭ ގުރޫޕް އޭ ގައި ކުޅުނު މެޗުތަކުގެ ތެރެއިން އޭއެމްޑީއިން ވަނީ އިންޓެލްއާ ދެކޮޅަށް ކުޅުނު މެޗު 8-5 އިން ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ އިބްރާހިމް (އައްޑޯ) ދެ ލަނޑު ޖަހާފައިވާއިރު އަބްދުއްރަހީމް އަލީ (ޕައިލެޓް) އާއި ބަޝީރު ޔޫސުފްވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ އަމްޖަދު މޫސާ (އެލްފާސޯ) އަދި އަބްދުލް ހަމީދު އަލީ (ހަމިއްޓޭ) އެވެ.
މި މެޗުގައި އިންޓެލްގެ ހުސައިން ހަސަން ވަނީ އެ ޓީމަށް ތިން ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް 2 މެޗުން 7 ލަނޑު ޖަހާފަ އެވެ. އެ ޓިމުން ކާމިޔާބުކުރި އަނެއް ދެ ގޯލު ކާމިޔާބުކުރީ ސަމީރު ޔޫސުފް (ސީޓޭ) އަދި އަބްދުލް ސައްތާރު އަބޫބަކުރު (ސަޓޯ) އެވެ.
މި ގުރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި އޭޓީއައި އަދި ޑަބްލިއުޑީ ކުޅުނުއިރު މި މެޗު 10-4 ގެ ތަފާތު ބޮޑު ސްކޯރއަކުން ކާމިޔާބުކުރީ ޑަބްލިއުޑީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑަބްލިއުޑީގެ ކީޕަރ އަބްދުލް ޤުއްދޫސް އުމަރު ވަނީ އޭޓީއައިގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. މީގެ އިތުރުން އޭނާވަނީ ޑަބްލިއުޑީއަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއްވެސް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ޑަބްލިއުޑީއިން ޖެހި 10 ލަނޑުގެ ތެރެއިން 4 ލަނޑު އަލީ ހާޝިމް ކާމިޔާބުކުރިއިރު ސިރާޖު އަލީ ވަނީ އެ ޓީމަށް ތިން ލަނޑު ޖަހާދީފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ އާދަމް މުހައްމަދު (ފީފާ) އަދި އަބްދުލް ރަހްމާން އާދަމް (ފޯއަދުރޭ) އެވެ.
ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު މި ގުރޫޕްގެ އެއްވަނާގައި އޮތީ އޭއެމްޑީ އެވެ. އިންޓެލް އަދި ޑަބްލިއުޑީ ތިން ޕޮއިންޓާއެކު އޮތްއިރު އޭޓީއައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގަ އެވެ.
ރޭގެ މެޗުތައް ޝަރަފުވެރިކޮށްދެއްވައި މޭން އޮފް ދަ މެޗަށް ޓްރޮފީ ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޯދަން އޭރިޔާ ކުއާޓަރ މާސްޓަރ ސާޖަންޓް ފަސްޓް ކުލާސް ހަސަން އިބްރާހިމް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރ މުހައްމަދު ހަސަން އެވެ.
މިރޭވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2020 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ހެވިޓް އަދި ކިންގްސްޓަން އެވެ. މި ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މިރޭ 2120 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންވީޑިއާ އަދި ކެސްޕާސްކީ އެވެ.