twitterviber whatsapp telegramfacebookyoutube instagram
8th May 2024

ފަހުވަގުތު ވޭން ޕާސީ ޖަހައިދިން ލަނޑުން ޔުނައިޓެޑަށް ޕޮއިންޓެއް

Oct 27, 2014

އިތުރު ވަގުތުގެ ތެރޭގައި ވޭން ޕާސީ ޖަހައިދިން ލަނޑުން ޔުނައިޓެޑުން ޗެލްސީއާ ކުޅުނު މެޗު އެއްވަރުކޮށްފި އެވެ.

ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ޗެލްސީގެ ކީޕަރު ތިބައުލްޓް ކޯޓޮއިސް ވަނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ ރަނގަޅު ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ޗެލްސީއިން ފުރަތަމަ ހާފުގައި އުފެއްދި އެންމެ ރަނގަޅު ހަމަލާ އުފައްދާފައިވަނީ ފުރަތަމަ ހާފު ނިމެނިކޮށް ޑިޑިއޭ ޑްރޮގްބާ އެވެ. މިއީ ޔުނައިޓެޑަށް އަލަށް ގުޅުނު މާކޯސް ރޯހޯއަށް ހެދުނު ގޯހަކުން ލިބުނު ޗާންސެކެވެ. ނަމަވެސް މި ހަމަލާވަނީ ޔުނައިޓެޑްގެ ކީޕަރ ޑެ ހެއާ ދިފާޢު ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޗެލްސީއިންނެވެ. މިގޮތުން އެޑެން ހަޒާޑަށް ލިބުނު ހުސް ޗާންސް ފާހަގަކޮށްލެވެ އެވެ. ނަމަވެސް މިފަހަރުވެސް ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމުއް ދެއްކި ޑެ ހެއާ އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ފެބްރިގާސް ނަގައިދިން ކޯނަރަކުން ޑްރޮގްބާ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ލީޑު ހޯދައިދީފަ އެވެ. މި ލަނޑަށްފަހުވެސް ޗެލްސީއިން ވަނީ ރަނގަޅު ދެ ހަމަލާއެއް އުފައްދާފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ވަނީ މެޗުގެ ފަހު ކޮޅުގައި ކުޅުން ރަނގަޅުކޮށް ހަމަލާ އުފައްދާފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ އިވަނޮވިޗް ޕެނަލްޓީ އޭރިޔާގެ ރޮނގުކައިރިން ޑި މާރިއާ އަށް ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.

މި ފައުލްއަށް ލިބުނު ހިލޭ ޖެހުން ޑި މާރިއާ ކީޕަރ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ފެލައިނީ ވަނީ ބޮލުން ޖަހާ ފޮނުވާލި ނަމަވެސް ކީޕަރ ކޯޓޮއިސް ވަނީ މި ހަމަލާވެސް ދިފާއުކޮށްފަ އެވެ. ނަމަވެސް ރިބައުންސްގައި ނުކުތް ބޯޅަ ވޭން ޕާސީ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއު ކާސަލްއިން ވަނީ ރަށުން ބޭރުގައި ފަހަތުން އަރާ 2-1 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި އަޑެބަޔޯ ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކޮށްފައިވަނިކޮށް ސެމީ އެމިއޯބީ ވަނީ ދެވަނަ ހާފު ފެށިތާ 6 ވަނަ ސުކުންތުގެ ތެރޭގައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އެ ޓީމު މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޔޯޒީ އެވެ.

ސެމުއެލް އެޓޫގެ ދެ ލަނޑާއެކު އެވަޓަންއިން ވަނީ ބާންލީގެ ޓާފް މޫރް ގައި ކުޅުނު މެޗުން 3-1 އިން މޮޅުވެފަ އެވެ. މެޗުގެ 4 ވަނަ މިނެޓްގައި އެޓޫ ފުރަތަމަ ލަނޑު ޖެހިނަމަވެސް ބާންލީގެ ޑެނީ އިންގްސް ވަނީ 20 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެވަޓަންއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނެޓްގައި ލުކާކޫ އެވެ. އަދި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 86 ވަނަ މިނެޓްގައި އެޓޫ އެވެ.

މިރޭ 0100 ގައި ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިއުޕީއާރު އަދި އެސްޓަން ވިލާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355