twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސެމީގެ ފަހު ޖާގަތައް ކިންގްސްޓަން އަދި ހެވިޓަށް

Oct 30, 2014

ކުއަންޓަމް ވެޓެރަންސް ކަޕްގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ކިންގްސްޓަން އަދި ހެވިޓުން ހޯދައިފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ގޮތުގައި ކިންގްސްޓަންއިން ސެމީއަށް ދަތުރުކުރީ ރޭ އެންވީޑިއާއާ ދެކޮޅަށް ކުޅުނު މެޗު 13-8 އިން ކާމިޔާބުކޮށްގެންނެވެ.

ކިންގްސްޓަން ކުޅުނު ތިން މެޗުގައިވެސް މޭން އޮފް ދަ މެޗުކަން ހޯދި އަލީ ޒިޔާދު (ބޮޑު ސައި) ރޭގެ މެޗުގައި ވަނީ 7 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. ރޭގެ 7 ލަނޑާއެކު މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އޮތް ބޮޑުސައި މިހާރު ވަނީ މި މުބާރާތުގައި ޖުމްލަ 12 ލަނޑު ޖަހައިފަ އެވެ.

އެ ޓީމުގެ އަބްދުލް މަޖީދު (ކޮމްރެޑް) ރޭގެ މެޗުގައި ތިން ލަނޑު ޖެހިއިރު އެ ޓީމުގެ ޖަލީލު އަލީ (ޖައްލެ) ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ. އެ ޓީމުން ކާމިޔާބުކުރި އަނެއް ލަނޑު ޖަހައިދިނީ މައުރޫފް އާދަމް (މާއްޓޭ) އެވެ.

މި މެޗުގައި އެންވީޑިއާގެ އަހްމަދު މުހައްމަދު (ފޮޓޯބެ) އެ ޓީމަށް 6 ލަނޑު ޖަހައިދީފައިވާއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަބްދުލް ކަރީމް (ކަޅޭ) އެވެ.

ސެމީ ފައިނަލުގެ އެންމެ ފަހު ޖާގަ ރޭ ހެވިޓުން ކަށަވަރުކުރީ ކެސްޕާސްކީއާ ދެކޮޅަށް ކުޅުނު މެޗު 9-5 އިން ކާމިޔާބުކޮށްގެންނެވެ.  މެޗުގެ މޮޅު ކުޅުންތެރިޔާ ހެވިޓްގެ ހަސަން އާދަމް (ތުޅާ) 4 ލަނޑު ކާމިޔާބުކުރިއިރު މުހައްމަދު އިބްރާހިމް (ރިދަމް) ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މީގެ އިތުރުން މުހައްމަދު އަބްދުލް ސަމަދު (ސަމަދޭ)، މުހައްމަދު ހަސަން (ސެންޗޯ) އަދި އަބްދުލް ރަހްމާން މުހައްމަދު (ރިއްސާ) ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

ކެސްޕާސްކީގެ އެއް ނަންބަރު ގޯލު ކީޕަރ އިމާދު އަދި ފޯވާޑު ސައުދު ނުލައި ކުޅުނު މި މެޗުގައި އާދަމް އަލީ (މާޔާ) ތިން ލަނޑު ޖެހިއިރު ޒަކަރިއްޔާ އަލީ (އައިމާ) ވަނީ 2 ލަނޑު ޖަހައިފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މިރޭ ކުޅޭއިރު 2020ގައި ކުޅޭނީ ގުރޫޕް އޭ ގެ އެއްވަނަ އިންޓެލް އަދި ގުރޫޕް ބީ ގެ ދެވަނަ ހެވިޓް އެވެ. އަދި ދެވަނަ މެޗުގައި ގުރޫޕްގެ ބީ ގެ އެއްވަނަ ކިންގްސްޓަން އަދި ގުރޫޕް އޭ ގެ ދެވަނަ ކުޅޭ މެޗު ފަށާނީ 2120 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355