ރޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކަށް ބަލާއިރު ޗެލްސީއިން ކިއުޕީއާރުގެ މައްޗަށް މޮޅުވެ ލީގުގެ އެއްވަނަ ދަމަހައްޓައިފި އެވެ.
ރޭ ކިއުޕީއާރުއާ ކުޅުނު މެޗުގެ ފުރަތަމަ ޙާފުގައި ޗެލްސީއިން ލީޑު ނެގީ އޮސްކާ ޖެހި ލަނޑަކުންނެވެ. ނަމަވެސް ފަހު ހާފު ކިއުޕީއާރުގެ ޗާލީ އޮސްޓިން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. ޗެލްސީއިން މެޗު ކާމިޔާބުކުރީ 75 ވަނަ މިނެޓްގައި ކިއުޕީއާރުގެ އެޑުއާޑޯ ހަޒާޑަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހަޒާޑް އެވެ.
އެލްކްސިސް ސަންޗޭޒްގެ ދެ ގޯލާއި ޗެމްބާސް ޖަހައިދިން ލަނޑަކާއެކު އާސެނަލް އިން ވަނީ 3-0 އިން ބާންލީ ބަލިކޮށްފަ އެވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު 20 މިނެޓްގަ އެވެ.
ވިކްޓަރ ވަންޔާމާ ޖަހައިދިން ހަމައެކަނި ލަނޑުން ސައުތެމްޕްޓަން ވަނީ ހަލް ސިޓީ 1-0 އިން ބަލިކޮށް ލީގުގެ ދެވަނަ ދަމަހައްޓާފަ އެވެ.
އެވަޓަންއަށް ލީގުގައި ލަނޑެއް ނުޖެހި ފުރަތަމަ ފަހަރަށް ނިމިގެންދިޔަ މެޗު ނިމުނީ 0-0 އިން ސްވެންސީއާ އެއްވަރުވެގެންނެވެ. މި މެޗުގެ 72 ވަނަ މިނެޓްގައި ސްވެންސީގެ ޖޮންޖޯ ސެލްވޭއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާފަ އެވެ.
ލިވަޕޫލުންވަނީ މި ސީޒަނުގައި ލީގުގައި ހަތަރުވަނަ ފަހަރަށް ބަލިވެފަ އެވެ. ލީގުގެ ތާރީޚުގައި އެންމެ ގިނައިން ލަނޑު ފެންނަ މެޗު ކަމުގައިވާ ލިވަޕޫލް އަދި ނިއު ކާސަލްގެ މެޗު ނިމުނީ 1-0 އިންނެވެ. މީގެ ކުރިން މި ދެ ޓީމުގެ ބައްދަލުކުރުން ތަކުގައި ޖުމްލަ 129 ލަނޑު ފެނިފައިވެ އެވެ.
މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ މެޗުގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ކުރިން ހަފްތާގައިވެސް ނިއު ކާސަލް އަށް މޮޅުކޮށްދިން ލަނޑު ޖަހައިދިން އަޔޯޒީ ޕެރޭޒް އެވެ.
ރޭ ކުޅުނު ލެސިސްޓަރ ސިޓީއާ ވެސްޓް ބުރޮމް ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ވެސްޓް ބުރޮމް އެވެ. އަދި ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މިރޭ 1830 ގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާއިރު މި ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކުރީ ސިޓީއިންނެވެ.
މިރޭގެ އަނެއް މެޗުގައި ބައްދަލުކުރާނީ ޓޮޓެންހަމް އަދި އެސްޓަން ވިލާ އެވެ. މި މެޗު ފެށޭނީ 2100 ގަ އެވެ.