ކުއަންޓަމް ވެޓެރަންސް ފުޓްސަލް ކަޕް 2014 ގެ ޗެމްޕިއަންކަން ހެވިޓް ހޯދައިފި އެވެ.
ރޭ ކުޅުނު ފައިނަލް މެޗު ހެވިޓުން ކާމިޔާބުކުރީ ކިންގްސްޓަންއާ ވާދަކޮށް 5-3 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖަހާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހެވިޓްގެ މުހައްމަދު ހަސަން (ސެންޗޯ) އެވެ.
ނަމަވެސް މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އައި އަދި 17 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖަހާ ރަންބޫޓް ހާސިލްކުރި ކިންގްސްޓަންގެ އަލީ ޒިޔާދު (ބޮޑުސައި) ވަނީ ކުޑައިރުކޮޅެއްތެރޭ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެވިޓުން ވަނީ ދެ ގޯލުގެ ލީޑެއް އަލުން ހޯދާފަ އެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލްރަހްމާން (ރިއްސާ) އަދި އަހްމަދު ހަސަން (ބަންނަ) އެވެ.
މުޅި މެޗުގައިވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކިންގްސްޓަންއިން ފުރަތަމަ ހާފު ނިމެނިކޮށް ލަނޑެއް ޖަހައި ފަރަޤު ކުޑަކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ ބޮޑުސައި އެވެ.
ކައުންޓަރ އެޓޭކަށް ވިސްނައިގެން ކުޅެމުންދިޔަ ހެވިޓުން ދެވަނަ ހާފުގައި އަލުން ލީޑު ފުޅާކުރިއެވެ. މި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމު ފައިނަލަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރި ހަސަން އާދަމް (ތުޅާ) އެވެ. ކިންގްސްޓަންގެ ފަހު ލަނޑު ކީޕަރ ލަސްކުރުމުގެ ސަބަބުން ލިބުނު ނުސީދާ ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މައުރޫފް އާދަމް (މާއްޓޭ) އެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން ހެވިޓްގެ ގޯލް ކީޕަރ އަހްމަދު ހަސަން (ރޯޝަންހާރު)، މުހައްމަދު ހަސަން (ސެންޗޯ)، ހަސަން އާދަމް (ތުޅާ) އަދި ރަނަރއަޕް ޓީމްގެ އަލީ ޒިޔާދު (ބޮޑުސައި) އަދި ޖަލީލް އަލީ (ޖައްލެ) އެވެ.
މި މުބާރާތުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެންވީޑިއާގެ އަބޫބަކުރު މޫސާ (ދޮނޭ) އެވެ.
މި މުބާރާތް އިންތިޒާމްކުރި ކުއަންޓަމްއިން މައުލޫމާތުދޭ ގޮތުގައި އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް މަސައްކަތްކުރާނެ އެވެ.