ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާންއާއި ބާސެލޯނާ، ޕީއެސްޖީ އަދި ޕޯޓޯ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ރޭ ރޯމާ ބަލިކޮށް ކުޅުނު ހަތަރަ މެޗުވެސް ކާމިޔާބުކޮށް ބަޔާން އިން ދެވަނަ ބުރަށް ދަތުރުކުރީ 12 ޕޮއިންޓާއެކު އެވެ. ރޭގެ މެޗުގައި ބަޔާން 2-0 އިން މޮޅުވިއިރު ލަނޑުތައް ކާމިޔާބުކޮށްދިނީ ރިބެރީ އަދި ގޮޓްޒޭ އެވެ.
ރޭ ގުރޫޕް އީ ގައި ކުޅުނު އަނެއް މެޗަކީ ފޯރިގަދަ މެޗެކެވެ. ވޭތުވެދިޔަ އަހަރު ސިޓީގެ ދަނޑުގައި 5-2 އިން ބަލިވި މެޗުގައިވެސް ސީއެސްކޭއަށް ދެ ލަނޑު ޖަހައިދިން ޑޫމްބިއާ ވަނީ މެޗުގެ 2 ވަނަ މިނެޓްގައި އަދި 34 ވަނަ މިނެޓްގައި ލަނޑު ޖަހާ އެ ޓީމު ފުރަތަމަ ފަހަރަށް އިންގްލެންޑްގައި ކުޅުނު މެޗަކުން މޮޅުކޮށްދީފަ އެވެ.
ރޭގެ މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ޖަހައިދިން ޔާޔާ ޓޫރޭއަށާއި ފަހު ހާފު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފާނޭންޑީނިއޯއަށް ވަނީ ރަތްކާޑު ދައްކާފަ އެވެ. ސިޓީއަށް އަދި މި ސީޒަނުގައި ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ.
ގުރޫޕް އެފް ގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮއްވާ ޕީއެސްޖީ އަދި ބާސެލޯނާއިން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ތާރީޚްގައި އެންމެ ގިނަ ލަނޑު ޖެހި ރައުލް ގޮންޒާލޭޒްގެ ރެކޯޑާ ހަމަކުރި މެސީގެ ދެ ލަނޑާއެކު ބާސާއިން ވަނީ 2-0 އިން އަޔެކްސް ބަލިކޮށްފަ އެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި އަޕޮއެލް ކޮޅަށް ފަހު ވަގުތު ލަނޑުޖަހާ މޮޅުކޮށްދިން ކަވާނީ ވަނީ ރޭގެ މެޗުގެ ފުރަތަމަ މިނެޓްގައި ލަނޑުޖަހާ އެ ޓީމު މޮޅުކޮށްދީފަ އެވެ. ޕީއެސްޖީއިން ރޭގެ މެޗުގައިވެސް އަޕޮއެލް ބަލިކުރީ 1-0 އިންނެވެ.
ގުރޫޕް ޖީ ގެ މެޗުތަކަށް ބަލާއިރު ޗެލްސީއަށް ދެވަނަ ބުރުގެ ފުރުސަތެއް ޔަޤީން ކުރުމަށް ލިބުނު ފުރުސަތު ބޭކާރުވީ ރޭ ކުޅުނު މެޗުގައި މަރިބޯއާ އެއްވަރުވުމުންނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީގެ ދަނޑުގައި 6-0 އިން ބަލިވެފައި އޮތްނަމަވެސް މަރިބޯ ގެ އިބްރާއިމީ ވަނީ 50 ވަނަ މިނެޓްގައި ވަރަށް ރީތި ލަނޑެއް ޖަހާ މަރިބޯއަށް ލީޑު ހޯދައިދީފަ އެވެ.
ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 73 ވަނަ މިނެޓްގައި މެޓިޗް ޖަހައިދިން ލަނޑުންނެވެ. ޗެލްސީއަށް މެޗު ކާމިޔާބުކުރުމަށް ލިބުނު ފުރުސަތު ގެއްލުނީ 86 ވަނަ މިނެޓްގައި އެޑެން ހަޒާޑް ޖެހި ޕެނަލްޓީ މަރިބޯގެ ކީޕަރ ދިފާއުކުރުމުންނެވެ.
މި ގުރޫޕްގައި ކުޅުނު އަނެއް މެޗު ސްޕޯޓިންއިން ވަނީ 4-2 އިން ކާމިޔާބުކޮށް ޝާލްކޭއާ އެއް ޕޮއިންޓް ގާތަށް ޖެހިލާފަ އެވެ.
ގުރޫޕް އެޗްގެ މެޗުތަކަށް ބަލާއިރު ޝަކްތަރުއިން ވަނީ 5-0 އިން ބާޓޭ ބޮރިސޯވް ބަލިކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބާޓޭގެ ކޮޅަށް ފަސް ލަނޑުޖެހި ލުއިޒް އެޑްރިއާނޯ މި މެޗުގައިވެސް ވަނީ 3 ލަނޑު ޖަހާ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު 9 އަކަށް އަރުވާފަ އެވެ.
ޕޯޓޯއިން ދެވަނަ ބުރުގެ ޖާގައެއް ޔަޤީންކުރީ އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ.
ޗެމްޕިއަންސް ލީގުގެ ކުޅުން ދެން އޮންނާނީ 25 އަދި 26 ނޮވެމްބަރުގަ އެވެ.