މާލޭގައި މިހާރު ކުރިއަށް ދާ މައިލޯ ވީއޭއެމް ޔޫތު ވޮލީބޯލް މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން ގޮސް ތިބި ޓީމުތަކުގައި އެކޮމަޑޭޝަން ވަރަށް ދަށްކަމަށް އެފަރާތް ތަކުން ބުނެފި އެވެ.
މި ނޫހަށް މައުލޫމާތުދެމުން މި މުބާރާތުގައި ބައިވެރިވާ ޓީމެއްގެ އޮފިޝަލަކު ވިދާޅުވީ އެޓީމަށް ލިބިފައިވަނީ އެންމެ ކޮޓަރިއަކާއި 1 ފާހާނަ ކަމަށާއި ސިޓިން ރޫމެއްވެސް ލިބިފައިނުވާތީ 20 މީހުން އެންމެ ކޮޓަރިއެއްގައި އުޅެން ޖެހުމުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ކެއްކޭނެ ގޮތެއް ނެތްކަމަށާއި އަދި އެއްޗެހި ދޮންނާނެ ގޮތެއްވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ކެއްކުމަށްޓަކައި ބޭނުން ކުރަމުންދަނީ އެންމެ ކުކަރެއްކަމަށާއި އެއް ކޮޓަރިއެއްގައި ކައްކާ ކައި އުޅެން ވަރަށް އުދަނގޫކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ.
މިކަމާ ބެހޭގޮތުން ވޮލީ ބޯލް އެސޯސިއޭޝަނުން ބުނީ އެކޮމަޑޭޝަންގެ ކަންކަން ހަމަޖައްސަވާފައިވަނީ ޔޫތް މިނިސްޓްރީން ކަމަށެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހުސެއިން އަމީން ވިދާޅުވީ މިވަގުތު އެކޮމަޑޭޝަންގެ ބްލޮކުތައް މަރާމާތު ކުރަމުން ދާ ވާހަކަ އެ ވޮލީބޯޅަ ޓީމަށް އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޓީމުން ބޭނުންވީ އެތަނުގައި އެކޮމަޑޭޝަން ހަމަޖެއްސުމަށް ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދިނެވެ.
މަރާމާތު ކުރުމުގެ ކަންކަން ކުރިއަށް ދަނިކޮށް އެތަނުގައި ތިބުމަށް ޓީމުތަކުން އެދޭ ނަމަ އެކަމަށް ޔޫތު މިނިސްޓްރީން ހުއްދަ ދޭނެކަމަށް ވިދާޅުވެފައިވާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި އެ ބޮލްކްތަކުގެ ހާލަތާއި ފާހާނާ ބޭނުންނުކުރެވޭވަރުވެފައިވާ ކަން އެ ޓީމަށް އެނގުމުންވެސް އެ ޓީމުން ބޭނުންވީ ކުލި ނުދައްކާ ތިބެވޭނެތީ އެ ތަނުގައި ތިބެން ކަމަށް އަމީން ވިދާޅުވި އެވެ.
އެތަނުގައި ކައްކާ އެއްޗެހި ދޮވެ ހެދުމަކީ މަނާ ކަމެއް ކަމަށްވެސް އަމީން މައުލޫމާތުދިނެވެ. އަދި އެމީހުނަށް މިހުރިހާ މައުލޫމާތެއް ހިއްސާކުރެވިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިކަމާބެހޭގޮތުން ވޮލީ ބޯލް އެސޯސިއޭޝަނުން ބުނެފައިވަނީ އެފަރާތްތައް އެއްވެސް ޓީމެއްގެ ފަރާތުން ޝަކުވާއެއް ލިބިފައި ނުވާކަމަށާއި އިތުރަށް އެއްވެސް މައުލޫމާތެއް ދެވެންނެތް ކަމަށެވެ.
މައިލޯ ވީއޭއެމް ޔޫތު ވޮލީ ބޯޅަމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ވ. ކެޔޮދޫ މިހާރު ވަނީ ދަތުރުކޮށްފަ އެވެ. އަންހެން ޑިވިޝަންގެ މެޗުތައް ފަށާނީ މިއަދު އެވެ.