އާސެނަލް، އެތުލެޓިކޯ މެޑްރިޑް އަދި ބަޔާން ލެވަކޫސަން އިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އާސެނަލް އިން ދެވަނަ ބުރަށް ދަތުރުކުރީ ރޭ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ދެވަނަ ބުރަށް ދަތުރުކޮށްފައި އޮތް ޑޯޓްމަންޑް ކޮޅަށް ރޭ އާސެނަލް އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 2 ވަނަ މިނެޓްގައި ޔާޔާ ސަނޯގޯ އެވެ.
އަދި މި ސީޒަނުގައި އާސެނަލްއަށް އެންމެ ރަނގަޅަށް ކުޅެދެމުން އަންނަ ސަންޗޭޒް ވަނީ މެޗުގެ 57 ވަނަ މިނެޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. މިއީ އާސެނަލްއިން ޖެހިޖެހިގެން ގުރޫޕް ސްޓޭޖް ކަޑައްތުކުރި 15 ވަނަ ފަހަރެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި އެންޑަލެކްޓްއިން ވަނީ މަންގޫލޫގެ ދެ ލަނޑުން ގަލަތަސަރާއީ 2-0 އިން ބަލިކޮށްފަ އެވެ.
ވޭތުވެދިޔަ ސީޒަނުގެ ރަނަރއަޕް އެތުލެޓިކޯއިން ދެވަނަ ބުރަށް ދަތުރުކުރީ ރޭ އޮލިމްޕިއާކޯސް 4-0 އިން ބަލިކޮށްގެންނެވެ. މަންޑުޒުކިޗް މި މެޗުގައި ހެޓްރިކެއް ހަދާފައިވާއިރު ރައުލް ގާސިޔާ ވެސް ވަނީ ލަނޑު ޖަހާފަ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ކާލޯސް ޓެވޭޒް އަދި ފޭނާންޑޯ ލޮރެންތޭގެ ގޯލުތަކުން ޔުވެންޓަސްއިންވަނީ 2-0 އިން މަލްމޯ އެފްއެފް ބަލިކޮށްފަ އެވެ.
ގުރޫޕް ސީ ގައި ކުޅުނު ދެ މެޗުވެސް ރޭ ނިމިގެން ދިޔައީ 1-0 އިންނެވެ. ފުރަތަމަ މެޗުގައި 79 ވަނަ މިނެޓްގައި ޑެނީ ޖަހައިދިން ހަމައެކަނި ގޯލުން ޒެނިތު ވަނީ ބެންފީކާ ބަލިކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި 72 ވަނަ މިނެޓްގައި ލޫކަސް އެރިއެލް އޮކަމްޕޯސް ގެ ހަމައެކަނި ގޯލުން މޮނާކޯއިން ވަނީ ބަޔާން ލެވަކޫސަން ބަލިކޮށްފަ އެވެ.
ގުރޫޕް ބީ ގެ މެޗުތަކަށް ބަލާއިރު ރޮނާލްޑޯ މެޗުގެ 35 ވަނަ މިނެޓްގައި ޖަހައިދިން ލަނޑުން ރިއަލް މެޑްރިޑުން ވަނީ ރަށުން ބޭރުގައި 1-0 އިން ބަސެލް ބަލިކޮށްފަ އެވެ. މިއީ ގްރޫޕް ސްޓޭޖްގައި ރޮނާލްޑޯ ޖެހި 4 ވަނަ ލަނޑަށްވާއިރު މިއީ ޗެމްޕިއަންސް ލީގުގައި 71 ލަނޑު ޖަހައިގެން ރައުލްގެ ރެކޯޑާ ރޮނާލްޑޯ ހަމަކުރި ލަނޑުވެސްމެ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ލިވަޕޫލް އަދި ލޫޑޯގޮރެޓްސް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޑެނީ އަބާލޯ މެޗުގެ ތިން ވަނަ މިނެޓްގައި ލޫޑޯގޮރެޓްސްއަށް ލީޑު ނަގައިދީފައި ވަނިކޮށް ރިކީ ލަމްބާޓް ވަނީ 8 ވަނަ މިނެޓްގައި ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. އަދި 37 ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ހެންޑަސަން އެވެ. ނަމަވެސް މެޗު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ލޫޑޯގޮރެޓްސް ގެ ޖޯޖީ ޓާޒިއޭވް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.