twitterviber whatsapp telegramfacebookyoutube instagram
6th May 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ފެށިއްޖެ

Jan 31, 2015

ފަސްވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ފެށިއްޖެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޕޮލިސް ތަފާތު ބޮޑުކޮށް ވަނީ އާޕޮއިންޓް ބަލިކޮށްފަ އެވެ. މުޅި މެޗުވެސް ޕޮލިސް ޓީމުން ކޮންޓްރޯލް ކޮށްފައިވާއިރު މެޗު ނިމުނީ 14-0 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ޓީމަށް އެ މުއައްސަސާގެ ބޭރު ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެވެ. އޭނާ ވަނީ މި މެޗުގައި ޖުމްލަ 6 ލަނޑު ޖަހާފަ އެވެ. މި މެޗުގައި ފަރުހަތު މުހައްމަދު އިތުރު 3 ލަނޑު ޖަހާފައިވާއިރު އަލީ ރިޝްވާން ވަނީ 2 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އަހްމަދު މުހައްމަދު (ވެނިސް) ، އަހްމަދު އިބްރާހިމް (ކިމޯ) . އަހްމަދު ޤާސިމް (އެންޓް) މިއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި ކުޅުދުއްފުށީ ޕޯޓް އަދި ފަޔަރ ކުޅުނުއިރު މެޗު 6-3 އިން ކާމިޔާބުކުރީ ފަޔަރ އިންނެވެ. މެޗުގެ ފުރަތަމަ ހާފު ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފު ނިމުނީ 3-2 އިން ޕޯޓް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ފަޔަރ އިން ވަނީ ކުޅުން ވަރުގަދަކޮށް 4 ލަނޑު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފަޔަރ ޓީމަށް އެ މުއައްސަސާގެ ބޭރު ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ އަހްމަދު ޤާސިމް (ކުމާ) އެވެ. އޭނާ މި މެޗުގައި ހަތަރު ލަނޑު ޖަހާފައިވެ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ މުފީދު ޤާސިމް (މޫއްޕެ) އަދި ހުސައިން ސަމާއު އެވެ. ޕޯޓް ޓީމުން އަލީ ޒިޔާދު (ބޮޑުސައި) ދެ ލަނޑު ޖެހިއިރު އަޝަރަފް (އަސަރޭ) ވެސް ވަނީ ލަނޑު ޖަހާފަ އެވެ..

މިރޭ ކުޅުނު ފަހު މެޗުގައި ބައްދަލު ކުރީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ހޮސްޕިޓަލް އަދި އެސް.ޓީ.އޯ އެވެ. މި މެޗު 3-0 އިން ކާމިޔާބުކުރީ އެސް.ޓީ.އޯ އެވެ. ފުރަތަމަ ހާފު 2-0 އިން ނިމިގެން ދިޔައިރު ފަހު ހާފުވެސް ހޮސްޕިޓަލް ޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޓީ.އޯ ގެ ހަސަން މުހައްމަދު (ނޫވިލޭ) އެވެ. އޭނާ މި މެޗުގައި ދެ ލަނޑު ކާމިޔާބުކުރިއިރު އަނެއް ލަނޑު ޖަހައިދިނީ އަމްޖަދު މޫސާ (އަމްޖޭ) އެވެ..

މި މުބާރާތުގައި މި އަހަރު ޖުމްލަ 16 ޓީމެއް ވާދަކުރެއެވެ. މާދަމާ ރޭ ވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2030 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފީފުއްދީން ސްކޫލް އަދި ކުޅުދުއްފުށީ ކައުންސިލް އެވެ. ދެވަނަ މެޗުގައި ޤައުމީ ޔުނިވާސިޓީ އަދި 2009 ވަނަ އަހަރުގެ ޗެމްޕިއަން ދިރާގު ކުޅޭއިރު ފަހު މެޗުގައި ބައްދަލުކުރާނީ އެމް.އާރު.ޑީ.ސީ އަދި އެމް.ޑަބްލިއު.އެސް.ސީ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355